ރޮބްސަން މަސައްކަތް ކުރަމުން ދިޔައީ ވިކްޓޯރިއަން ރެއިލްވެއިސްގައެވެ. އެތަނުގައި އޭނާ ވަޒީފާ އަދާކޮށްގެން ލިބެނީ އެންމެ 40 ޕައުންޑެވެ. ނަމަވެސް ފްލައިޓުގައި އޭރު އޮސްޓްރޭލިއާގެ މެލްބަންއިން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދަތުރު ކުރެވެނީ 700 ވަރަކަށް ޕައުންޑަށެވެ.
އަތުގައި އެވަރަށް ފައިސާ ނެތި، ބްރަޔަން ގޮތް ހުސްވެގެން އުޅޭތަން ފެނި އޭނާގެ ރަހުމަތްތެރިން ދިނީ ވަރަށް ވެސް ތަފާތު ހިޔާލެކެވެ. އެއީ ކުޑަ ފޮއްޓެއްގައި ބްރަޔަން ބަންދުކޮށް، ޕޯސްޓު މެދުވެރިކޮށް އޭނާ ލަންޑަނަށް ފޮނުވާލުމެވެ. ރަށަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ބްރަޔަން މިކަމަށް އެއްބަސްވެ ފޮއްޓެއްގައި އޭނާގެ ދަތުރު ފެށިއެވެ.
ބްރަޔަންގެ ރަހުމަތްތެރިން އޭނާ ފޮއްޓެއްގައި ބަންދުކޮށްލިއެވެ. އެ ފޮއްޓަށް، ބާލީހަކާއި، ޓޯޗެއްގެ އިތުރުން ފޮތަކާއި ދެ ފެންފުޅި ވެސް ލިއެވެ. އަދި އެންމެ އަވަހަށް ލަންޑަނަށް ދެވޭނެ ކަމަށް އެމީހުން ލަފާ ކުރި، ކްއަންޓަސް އެއާލައިނުގެ ފްލައިޓަށް ކާގޯގެ ގޮތުގައި ފޮށިގަނޑު އެރުވި އެވެ. ފޮށިގަނޑުގެ ބޭރުފުށުގައި އެމީހުން ލިޔުނީ އެއީ ކޮމްޕިއުޓަރެއް ކަމަށެވެ.
ބްރަޔަން އާއި އޭނާގެ ރަހުމަތްތެރިން ހީކޮށްގެން ތިބީ 36 ގަޑިއިރުގެ ފްލައިޓަކަށްފަހު އޭނާ ލަންޑަންއަށް ފޯރާނެ ކަމަށެވެ. ނަމަވެސް އެމީހުން ހީކުރި ގޮތާއި ހިލާފަށް ބްރަޔަން އޮތް ފޮށިގަނޑު އެރުވީ ޕޭން އޭމްގެ ފްލައިޓަކަށެވެ. މި ފްލައިޓު 22 ގަޑިއިރުގެ ދަތުރަކަށްފަހު ފުރަތަމަ ޖެއްސީ ސިޑްނީ އަށެވެ. އަދި އޭގެ ފަހުން އެމެރިކާ އަށެވެ. ފްލައިޓު އެމެރިކާގައި ޖެއްސުމުން ބްރަޔަން ލަންޑަނަށް އާދެވުނީ ކަމަށް ހީކޮށް ބޭރު ބަލާލި ވަގުތު ފޮށިގަނޑުގައި މީހަކު އޮތްކަން އެމެރިކާ ކަސްޓަމް އޮފިސަރުންނަށް ފާހަނގަވެ އޭނާ ވަގުތުން ހައްޔަރު ކުރީއެވެ.
އެމެރިކާއިން އެންމެ ފުރަތަމަ ހީކުރީ އެއީ އެގައުމަށް ވަގަށް އެތެރެވާން އުޅުނު ޖާސޫސެއް ކަމަށެވެ. އަދި އެތައް ދުވަހެއް އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށްފަހު އޭނާ އެންމެ ފަހުން ލަންޑަންއަށް ފޮނުވާލަން ނިންމީ އެއީ ޖާސޫސެއް ނޫން ކަން ކަށަވަރުވުމުންނެވެ.
މިހާރު އުމުރުން 75 އަހަރުގެ ބްރަޔަން މިވާހަކަތައް އިނގިރޭސި ނޫހަކަށް ކިޔައިދެމުން ބުނީ 36 ގަޑިއިރުގެ ދަތުރެއް ކަމަށް ހީކޮށް ދަތުރު ފެށި މީހާއަށް ލަންޑަންއަށް ދެވުނީ 4 ދުވަސް ފަހުން ކަމަށާއި ދަތުރު މަތީގައި ވޭން ހުރި އެތަކެއް ކަމަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ބްރަޔަން އިތުރަށް ބުނީ އެދުވަހު އޭނާ ފޮށިގަނޑުގައި ބަންދުކޮށް ގައުމަށް ފޮނުވަން އެހީތެރިވި ރަހުމަތްތެރިންގެ ނަން އެނގު ކަމުގައި ވިޔަސް އެއިން މީހަކާއި އޭގެ ފަހުން ދުވަހަކު ވެސް ދިމާނުވާ ކަމަށާއި އެމީހުންނާއި ބައްދަލުކޮށްލަން ވަރަށް ބޭނުން ކަމަށެވެ.