އޭއޭއޭގެ މައްސަލާގައި ރައީސްގެ ނިންމެވުންތައް ހާމަ ކުރެއްވީ، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ކުރެއްވި ޓްވީޓެއްގައެވެ.
ފްލައިން ސްކޫލު މައްސަލާގައި ރައީސް ވަނީ މިއަދު ތިން ނިންމުމެއް ނިންމަވާފައެވެ. އެގޮތުން އެކައުންޓަބަލް މެނޭޖަރ އަދި ހެޑް އޮފް ޕައިލެޓް ޓްރެއިނިންގެ މައްސަލަ ބަލާ، ފިޔަވަޅު އަޅަން ނިންމުމުގެ އިތުރުން ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅަން ވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ލޯން ނަގާފައިވާ ދަރިވަރުންގެ ލޯނުތަކަށް އިންޓްރެސްޓު އަރަމުންދާތީ، އެ ދަރިވަރުންގެ ލޯނުތައް ހަޔަރ އެޑިއުކޭޝަންގެ ލޯނު ސްކީމްތެރެއަށް ވެއްދުމަށް ވެސް ރައީސް ސޯލިހު ވަނީ ނިންމަވާފައެވެ.
2001ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.
ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލާގައި ސިވިލް އޭޝިއޭޝަންނުން ވެސް ވަނީ އޮޑިޓެއް ހަދާފައެވެ. މި އޮޑިޓުން ފާހަނގަވިކަންތައް އެ ސްކޫލާއި ހިއްސާކޮށް ބައެއް ކަންކަން ރަނގަޅު ކުރުމަށް ވެސް އަންގާފައިވެއެވެ.