މިރޭ ސޯޝަލް މީޑިއާގައި އާންމު ކުރި އެ ލިސްޓުގައި ކުރީ ސަރުކާރުގައި މިނިސްޓަރު ލެވެލް އިން ފެށިގެން ބޮޑެތި މަގާމުތައް އަދާކުރެއްވި މީހުންގެ ނަންތައް އެބަހުއްޓެވެ. އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުންތަކެއްގެ ނަންވެސް އެ ލިސްޓުގައި ހުއްޓެވެ.
އެ ލިސްޓުގައި ވަކި ވަކި މީހުންގެ އެކައުންޓަށް އެކި ފަހަރު މަތިން ފައިސާ ޖަމާކުރި އަދަދުތަކާއި އަދި ފައިސާ ދިނީ ކީއްވެ ކަންވެސް ތަފްސީލްކޮށް ލިޔެފަ ހުއްޓެވެ. އަދި ފައިސާ ލިބުނު ފަރާތުގެ ފޮޓޯ ވެސް ފައިސާ އާއި ގުޅެ މައުލޫމާތާއި އެކީގަ އެ ލިސްޓުގައި ހުއްޓެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެއީ އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓެކެވެ. ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހަށް ބުރާސްފަތި ދުވަހު ހުށަހެޅުނު ލިސްޓު ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
އެއީ މަޖިލީހަށް ހުށަހެޅި ލިސްޓު ނޫން ކަމުގައި ވިޔަސް އެ ލިސްޓުގައި ހުރީ މަޖިލީހަށް ވެސް ހުށަހެޅުނު ލިސްޓުގައި ވެސް ހުރި މައުލޫމާތު ކަމަށާއި ތަފާތަކީ ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓުގައި ފައިސާ ލިބުނު ފަރާތުގެ ފޮޓޯތައް ހުރުން ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވި ކަމުގެ ތުހުމަތުވާ މީހުންގެ ލިސްޓް ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައެވެ. ނަމަވެސް އެ ލިސްޓު މަޖިލީހަށް ލިބުމުންވެސް އެ ލިސްޓުގައި ހުރި ނަންތައް އާންމުކޮށްފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރާ ކޮމިޓީގެ މެމްބަރުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.