
އާއިލާއިން ސީއެންއެމް އަށް މައުލޫމާތު ދެމުން ބުނީ ރައީސް ނަޝީދު އިތުރު ފަރުވާއަށް މާދަމާ ހެނދުނު ޖަރުމަނު ވިލާތަށް ފުރާވަޑައިގަންނަވާނޭ ކަމަށެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވެ އެވެ. ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަ ފުއްތަށް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވާފަ އެވެ.
ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަމަށެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފަ އެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނަސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ އެވެ.