ads
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު
ޒިއަތު އިސްތިއުފާދެއްވުން: އެހެންމީހުންނަށް ނަމޫނާއެއް؟
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ސަރުކާރުގެ އިތުރުން އިދިކޮޅު ޕާޓީގެ ގިނަ މެންބަރުންނެއްވެސް ހިމެނޭކަން ފާހަގަކުރެވެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި ޖުމްލަ 16 މެންބަރުން ލިސްޓުގައި ހިމެނޭއިރު ކުރީގެ މެންބަރުންނާއި މިންޓަރުންނާ އެހެނިހެންވެސް ފަރާތްތަކާއެކު ޖުމްލަ 119 ނަމެއް ހިމެނެއެވެ.

ހިޔާނާތުގައި ހިމެނޭ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ތަހުގީގު ނުނިމުނު ނަމަވެސް މަގާމުން ވަކިކުރުމަށް ވަނީ ހުށަހަޅާފައެވެ.

ހިޔާނާތުގެ ލިސްޓުން ނަން ފެނުމާއެކު ހިޔާނާތުގެ ތުހުމަތު ކުރެވޭ ގިނަ ފަރާތްތަކެއް ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ލިސްޓުން ނަން އުނިކޮށްދިނުމަށްވެސް އެދިފައެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ވަނީ ލިސްޓުން އުނިކޮށްފައެވެ. މަޖިލީހުން ލިސްޓު އާންމު ކުރުމުގެ ކުރިން ހިޔާނާތުގެ ލިސްޓު ވަނީ ލީކުވެފައެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުންގެ ނަމާއި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަންވެސް އޮތެވެ. ނަމަވެސް މަޖިލީހުން ލިސްޓު ނެރުނު އިރު އެ ދެ ބޭފުޅުންގެ ނަން ވަނީ ގެއްލިފައެވެ.

ހިޔާނާތުގެ ލިސްޓުގައި ހިމެނުނު އެތައް ފަރާތެއްގެ ތެރޭގައި ރާއްޖޭގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ނަންވެސް ހިމެނެއެވެ. ހިޔާނާތުގެ ތުހުމަތު ކުރެވުނު އެހެން މީހުންނެކޭ އެއްފަދައިން ޒިޔަތުވެސް ވަނީ ތުހުމަތުތައް ދޮގުކޮށް ހިޔާނާތުގެ ފައިސާ ނުނަގާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޒިޔަތު ކަން ކުރެއްވި ގޮތް އެހެން މީހުންނާ ތަފާތެވެ. ލިސްޓުގައި ނަން އޮތްކަން އެނގުމާއެކު ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލް ގެ މަގާމުގައި ދެމިހުރުމަކީ، ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށް ބުނެ، ތަހުޒީބު މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލް ގެ މަގާމުން އިސްތިއުފާ ދޭކަމަށް ޒިއަތު ވިދާޅުވިއެވެ.

ތަހުމަތު ކުރެވުނު އެހެން ފަރާތްތައް ފަދައިން ތުހުމަތަށް އިންކާރުކޮށް ނަން އަނބުރާ ނަގައިދިނުމަށް އެދުމާއި، ލިސްޓުން ނަން "ގެއްލުވާލުމުގެ" ބަދަލުގައި ޒިޔަތު ކަން ކުރެއްވި ގޮތް ރަނގަޅެވެ. ހިޔާނާތުގެ ފައިސާ ނުނަގާކަން ކަށަވަރުވަންދެން ރައްޔިތުންނަށް އެކަން ޔަގީންކޮށްދިނުމަށް މަގާމުން ދުރުވުމަކީ ކެރޭ، އަދި ހިތްވަރު ގަދަ ފިޔަވަޅެކެވެ.

ދުނިޔޭގެ ބޮޑެތި ތަހުޒީބީ އެހެން ގައުމުތަކުގައިވެސް ކަން ކުރާ ގޮތަކީ އެއީއެވެ. އިންޓަގްރިޓީ ހިފެހެއްޓުމުގެ ގޮތުން އަދި އެފަދަ ކަމެއް ނުކުރާކަން ރައްޔިތުންނަށް ޔަގީންކޮށްދިނުމުގެ ގޮތުން މައްސަލަ ބަލައި ނިމެންދެން އަމިއްލައަށް މަގާމުން ދުރުވެލައެެވެ. ނޫނީ ކުށެއް ނެތްކަން ސާބިތު ވަންދެން މުސާރަ ނެގުން ހުއްޓާލައެވެ. ނުވަތަ ވަޒީފާއަށް ނުކުތުން ހުއްޓާލައެވެ.

އެހެންކަމުން ހިޔާނާތުގެ ތުހުމަތުތަކާއެކު ޒިޔަތު ކަންކުރި ގޮތައް ގިނަ ބައެއްގެ ތައުރީފު ވަނީ އަމާޒުވެފައެވެ. ލިސްޓުގައި ނަން ތިބި އެހެން ބޭފުޅުންވެސް ލިސްޓުން ނަން ގެއްލުވާލުމަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި މިފަދަ ކަންކަމުން ނަމޫނާ ނަގަންޖެހެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް