ފިތުރު އީދު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީ އީދު ހުތުބާގައި ބުނެފައިވަނީ މިފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހެ މުހިއްމު އެއްކަމަކީ އިސްލާމީ އަގީދާއަކީ އެންމެހާ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ތަނބު ކަމަށެވެ.
އަދި ޖީލަކަށްފަހު ޖީލަކަށް މިމަތިވެރި އަގީދާ ފޯރުކޮށްދީ ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކައުތެރިކޮށް ދެމެޖެއްޓުމަށް އަޒުމް އައުކުރުމަށް ހުތުބާގައި ގޮވާލި އެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަކީ ސަލާމަތާއި އަމާންކަމުގެ ދީން ކަމަށާއި، އަނިޔާވެރިކަމާއި ހައްދުފަހަނަ އެޅުމާއި ދެކޮޅު ދީނެއް ކަމަށެވެ. އަދި މީސްތަކުގެ ފުރާނައަށް ގެއްލުން ދިނުންފަދަ އަނިޔާވެރި އަމަލުތަކުން އިސްލާމްދީން ބަރީއަވެގެންވާކަމަށެވެ.
ޓެރިޒަމްގެ އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ އެެހެންނޫންނަމަ މުޖުތަމައު ނާމާންވެ ބިރުވެރިކަން އާންމުވެދާނެކަމަށެވެ.
އަދި ރޯދަ މަހު ދެއްކި އީމަންކަމުގެ މަތިވެރި ނަމޫނާގެ މަތީގައި ނަމާދާއި އެހެނިހެން އަޅުކަންތަކަށް ފަރުވާތެރިވި ފަދައިން އެމަހަށްފަހުވެސް ފަރުވާތެރިވުމަަށް ހުތުބާގައި ވަނީ ޒުވާނުންނަށް ގޮވާލާފައެވެ.
އިސްލާމް ދީނުގައި އަންހެނުންގެ މަގާމު ފާހަގަކޮށް ހުތުބާއި ބުނީ، އިސްލާމީ އުއްމަތުގެ އެންމެ މުހިއްމު ބަޔަކީ ކަނަބަލުން ކަމަށެވެ.
އަދި ރޯދަ މަހުގެ ތަރުބަވީ މަދަރުސާއިން ލިބުނު ފިލާވަޅުތަކުން އިބުރަތް ހާސިލްކޮށް މާތް ﷲ އާއި ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމައަށް ކިޔަމަންތެރިކަން އަދާކުރުމަށާއި، ރޯދަ މަހުން ހާސިލުކުރެވުނު ހިދާޔަތާއި ތަގުވާގެ އަލީގައި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކުރެއްވި އެވެ.
ފިރިހެނުންނަށް އަމާޒުކޮށް ހުތުބާގައި ބުނެފައިވަނީ އަނބިދަރީންނަކީ އެފަރާތްތަކާއި ހަވާލު ކުރެވިފައިވާ އަމާނާތެއް ކަމަށާއި ހެޔޮގޮތުގައި އެދަރީން ތަރުބިއްޔަތުކޮށް އަމާނާތަށް ރައްކައުތެރިވާންޖެހޭ ކަމަށެވެ. އަނބީންނަށް އޯގާތެރިވެ މާތް ﷲ އެފަރާތްތަކުގެ މައްޗަށް ވާޖިބުކުރައްވާފައިވާ ނަފަޤާ ދިނުމަށް ވަނީ އެދިފައެވެ.