ރައްޔިތުންގެ މަޖިލީހުން އެކުލަވާލައިފައިވާ ހާއްސަ ކޮމެޓީއަކަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އެއްވެސް އުނި އިތުރެއް ނެތި އާއްމު ކުރި އިރު، އެލިސްޓްގެ 63 ޕަސެންޓް މީހުންގެ ތަހުގީގުނު ވެސް ފަށާ ކަމަށް އެ ރިޕޯޓުން ހާމަވެއެވެ. ލިސްޓުގައި ނަން އޮތް 282 މީހުންގެ ތެރެއިން 176 މީހުންނަކީ އެރިޕޯޓް އާއްމު ކުރުމާއި ހަމައަށް ސުވާލެއްވެސް ކޮށްލާފައިވާ ބައެއް ނޫނެވެ.
ލިސްޓް އާއްމު ވުމާއި އެކު، ލިސްޓްގައި ހިމެނޭ ވިޔަފާރި ކުންފުނިތަކާއި އާއްމު ފަރުދުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ، އިންޓަވިއު ދީ ބަޔާންތައް ނެރެ، އިހްސާސްތައް ހާމަ ކުރަން ފެށިއެވެ.
ލިސްޓް އާއްމު ކުރުމާއި އެކު އާއްމުންގެ ފާޑު ކިޔުން ބޮޑުވެ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެލިސްޓްގައި ނަން އޮތް އެންމެންނަކީ ކުށްވެރިން ނޫން ކަމެވެ.
" ލިސްޓްގައި ނަން އޮތް އެންމެންނަކީ ތުހުމަތު ކުރެވޭ ބައެއް ކަމަށް ވެސް ނުނިންމަން." ރާއްޖޭގެ މީޑިޔާތަކަށް ދެއްވި އިންޓަވިއުއެއްގައި އައްސަދު ވިދާޅުވި އެވެ.
ލިސްޓް އެކުލަވާލި ކޮމިޝަނުން ލިސްޓްގައި ހިމެނޭ އެންމެންގެ މައްޗައް ތުހުމަތު ނުކުރެވޭ ކަމަށް ބުނަމުންދާ އިރު، އެލިސްޓާއި ގުޅިގެން ދައުލަތުގެ އޮޑިޓަ ޖެނެރަލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެތައް ބައެއް ވަގުންނަށް ހަދައި މުޅި މުޖުތަމައުގައި މިވަނީ ގަން ހިންގާފަ އެވެ.
މީގެ މަސްތަކެއް ކުރިންވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)ން އެމްއެމްޕީއާރުސީ ބައިވެރިވާ ފަރާތްތައް ކަމަށް ބުނެ، ލިސްޓެއް އާއްމު ކުރިއެވެ. އެދުވަހު އޭސީސީ އިން ނެރުނު ލިސްޓްގައި ހިމެނިފައިވާ އެތައް ބައެއް މިއަދު މިވަނީ ލިސްޓުން އުނިވެފައެވެ. އަދި އެލިސްޓްގައި ނެތް އެތައް ބައެއް މިއަދު މިވަނީ މިލިސްޓަށް އިތުރުވެފަ އެވެ.
ކޮންމެ ފަހަރަކު ވެސް ކަތިލެވެނީ ރައްޔިތެއްގެ އަބުރާއި އިއްޒަތެވެ. ކޮންމެ ވެރިކަމެއް އޮތް ނަމަވެސް ފަލީހަތް ވަނީ ރައްޔިތެއްގެ ނަމާއި ގަދަރެވެ. ދައުލަތުގެ އިދާރާތަކުން މިއަށްވުރެ ޒިންމާދާރުވާ ކަށް ނުވޭ ތޯއެވެ؟ ހޭ ވެސް އަހާނުލާ އެތައް ބަޔެއްގެ ކަރުގައި ހިޔާނާތްތެރިކަމުގެ ޓެގް ދައުލަތް ހިންގާ ބަޔަކު އެޅުވުމަކީ ޒިންމާދާރުކަން ކުޑަ ކަމަކަން ނޫނީ ނުވާނެ އެވެ.