ads
ދަރުމަވަންތަ ހޮސްޕިޓަލް-- ފޮޓޯ: ރާއްޖެއެމްވީ
އެންމެންވެސް އެދެނީ ބޭސްފަރުވާގެ ހަމަހަމަ ފުރުސަތަކަށް!
މިމަހު ހަވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަކީ ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެއްދި، އެތައް ބަޔަކަށް ސިހުން ގެނުވި ހާދިސާއެކެވެ. މި ހާދިސާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް ބުރާސްފަތި ދުވަހު އެމަނިކުފާނު ޖަރުމަނު ވިލާތަށް ފުރުމާއެކު، އެތައް ބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވެ، ބޭސްފަރުވާގެ ފުރުސަތުތަކާ ގުޅިގެން އިތުރު ބަހުސެއް މިވަނީ ފެށިފައެވެ.
Advertisement

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވުމާ އެކު ގިނަ ބަޔަކު ފުރަތަމަ ފާޑުކިޔަން ފެށީ، އެމަނިކުފާނު ޖަރުމަނަށް ފުރާ ވަޑައިގެންނެވީ ސަރުކާރުގެ ހަރަދުގައިތޯ ސުވާލު އުފައްދަމުންނެވެ. 

މިކަން ރައްޔިތުންގެ މަޖިލީހުން ދޮގު ކުރުމާއެކު ދެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވީ، ނަޝީދަށް އެފަދަ ފުރުސަތެއް ފަހިވި އިރު، އެންމެ ރަނގަޅު ސިއްހީ ފަރުވާ ލިބުން އިރު، އެހެން ދިވެހިން ފަރުވާއަށް އެދި އާދޭސް ކުރަން ޖެހޭ ވާހަކައާއެކު އެވެ.

ގައިމުވެސް ދިވެހިން ބޭސް ފަރުވާއަށް އެދި ސަލާންޖަހާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެތައް ބަޔަކު ފަންޑު ފޮށި ހުޅުވައިގެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރާ އިރު، އެކަށީގެންވާ އަވަސް މިނެއްގައި އެހީތެރިކަން ނުލިބި އެތައް ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔަން ޖެހިފާވީ އިރު މިފަދަ އެތައް ހާލަތެއްވެސް އަހަރެމެންނަށް ފެނިފައި އެބަވެއެވެ.

ދެން ކުރަންވީ ސުވާލަކީ، ރައީސް ނަޝީދު ޖަރުމަނު ވިލާތަށް ބޭސްފަރުވާއަށް ދިޔުމުގައި އޮތް މައްސަލައަކީ ކޮބާތޯއެވެ. ހަގީގަތަށް ބަލާނަމަ މިކަމުގައި މައްސަލައެއް ނެތެވެ. އެމަނިކުފާނަކީ ދައުލަތުގެ ތިންބާރުން ތެރެއިން އެއް ބާރު ކަމަށްވާ މިގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާއެވެ. އެ މަގާމާއެކު އެމަނިކުފާނަށް އާންމު ރައްޔިތުންނަށް ނުލިބޭ އެތައް ފުރުސަތުތަކެއް މަގުފަހިވާނެކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. 

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާ ވަޑައިގެންނެވުމުގެ ހަރަދުތައް ހަމަޖެއްސެވީ ޖަރުމަނުގައި ހުންނަވާ ރައްޖޭގެ އޮނަރަރީ ކޮންސޫލް މިނިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ދީފައިވެއެވެ. 

ދެން އޮތީ މިކަމާ ހުރެ މީހުން ކަންބޮޑުވުން ފާޅު ކުރަނީ ކީއްވެކަން ބަލާލުމެވެ. ހަގީގަތައް ބުނާނަމަ، ރައީސް ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގައި މައްސަލައެއް ނެތެވެ. އެމަނިކުފާނަށް އެ ފުރުސަތު ލިބިވަޑައިގެންނެވުމުން، އެ ފުރުސަތުގެ ބޭނުން ދޫނުކުރައްވާ، އަމިއްލަ ފުޅަށް ހޯދެން ހުރި ހުރިހާ ފަރުވާ އެއް ހޯދާ، ވީއެންމެ އަވަހަކަށް ފުރިހަމަ ސިއްހަތަށް އައުމަކީ އެމަނިކުފާނަށް ލިބިގެންވާ ހައްގެކެވެ. 

ރައްޔިތުން އެއުޅެނީ އެމަނިކުފާނަށް ބޭސްފަރުވާއަށް ޖަރުމަނަށް ދިއުމުގެ ފުރުސަތު ލިބުމުން އެކަމާ ހަސަދަވެރި ވެގެނެއް ނޫނެވެ. ނަމަވެސް ލޯބިވާ އެތައް ބަޔަކަށް ބޭނުންވާ ބޭސްފަރުވާ މި ރާއްޖެއިން ހޯދައިދޭނެ ގޮތެއް ނެތުމުންނެވެ. އާންމުން ކެކި އަރައިގަތީ ރައީސް ނަޝީދަށް ފަރުވާ ދިން މިންވަރު އަވަސްވީ މައެއް ނޫނެވެ. ނަމަވެސް އާންމު ރައްޔިތު މީހާ ބޭސްފަރުވާ އަށް ސަލާން ނުޖަހާ ކަންވާނެގޮތެއް ނެތީމައެވެ. 

މީގައި ރައީސް ނަޝީދުގެ މައްސަލައެއް ނެތެވެ. އެމަނިކުފާނަށް ލިބެންއޮތް ފަރުވާއެއް ފުރިހަމައަށް ހޯއްދަވާ، ފުރިހަމަ ސިއްހަތަކާއެކު އެނބުރި ގައުމަށް އައުމަކީ ގައިމު މިއަދު އެތައް ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ކަމެކެވެ. ހަމަ އެއާއެކު ދިވެހި ރައްޔިތުން އެދެނީ ރާއްޖޭގައި ކޮންމެ ދިވެއްސަކަށް، ބޭސްފަރުވާއަށް ސަލާން ޖެހުމެއް ނެތި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސޭނެ ވަރުގެ މިންވަރެވެ. ބޭނުންވަނީ އަމިއްލައަށް ފުދިގެން އުޅޭނެ ފުރުސަތެކެވެ. 

ރައްޔިތުން އެދެނީ، ރައްޔިތުން ވޯޓުލައިގެން މަގާމުތަކަށް ހޮވި ބޭފުޅުން އެބޭފުޅުންގެ ވައުދުތައް ފުއްދުމެވެ. ހާއްސަކޮށް، ބޭސްފަރުވާ ފަދަ، އެންމެންގެ ދިރިއުޅުމާއި ގުޅިފައިވާ ކަންކަމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް