ads
ޕީޕީއެމް ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރުކަން ރައީސް ވަހީދަށް ދެއްވަމަށް ބެއްވި ހަފްލާގެ ތެރެއިން:-
އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދީ ރަނގަޅު ނިޔަތަކު ނޫން: އިދިކޮޅު
މި ސަރުކާރުން އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއްގައި ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
Advertisement

މަޖިލީހުގެ އެސެޓް ރިކަވަރީ ކޮމިޝަނުން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ވެރިކަންކުރާ އެމްޑީީޕީގެ ގިނަ ފަރާތްތަކެއްގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުގެ ނަންތައްވެސް ހިމެނެއެވެ. 

އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ ގެ މައްސަލައަކީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަހުގީގު ކުރަން ފަށާފައިވާ މައްސަލައެއް ކަމަށެވެ. އަދި
އެމައްސަލަ ތަހުގީގު ފަށްޓަވާ އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުގެ ޝަރީއަތް ކުރެވި ހުކުމް ކުރެވިފައިވަނިކޮށް އެމްޑީޕީން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކުރި ކަންތައް ތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާއި އެކު ޑީލް ހަދާ އެމީހުންގެ އަދަބަށް ލުއި ހޯދާދިނުމުގެ އިތުރުން، އެމައްސަލައިގެ ތުހުމަތުގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ނަންތައް އުނިކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު މިސަރުކާރު ވެރިކަމަށް އައިސް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއް އޭގައި އޮވެގެން ކަމަށް އެއް އިރަކުވެސް ގަބޫލު ނުކުރާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. ސަބަބަކީ އެ ކޮމިޝަންގެ ރައީސް އަކަށް އިންނެވި ބޭފުޅަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި އަދި އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކަށް ވާތީކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އަދި އެ ކޮމިޝަން އުފައްދައިގެން ދެ އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށާއި، އެ ކޮމިޝަނާއި ހަވާލު ކުރެވުނު ކަމަށް ބުނާ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއް ކަން އެހެންކަމުން ދޭހަވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. 

އޭގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ. އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް ދެ އަހަރާއި ބައި ވެގެން ދިޔަ އިރު އެކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދުވެސް ސުވާލު އުފައްދައި އިދިކޮޅުން ބުނެފައިވަނީ ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ހިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަގްސަދު ވަރަށް ބޮޑު ހާމަވެގެންދާ ކަމަށެވެ.

 އަދި އެއީ ޒިންމާދާރު މަސައްކަތެއް ކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫން ކަމަށާއި ހަމައެއާއެކު އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި 280 ފަރާތަށް ވުރެ ގިނަ ފަރާތެއްގެ ނަންތައް ހިމެނިފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތްކަންވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅުން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރިކަމަށް ބުނެ ނެރެފައިވާ ލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެމީހުންނާއި އެއްވެސް ސުވާލު ކުރުމެއް ނެތި ހިމަނާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި ހިއްސާކޮށް އާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް އިދިކޮޅުން ވަނީ ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް