
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާރްތުވާލްއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އިންޑިއާގެ ކޮމާސް ސެކެޓްރީއާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ފައިދާހުރި ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތައް ވަރުގަދަކުރުމާއި، އިގުތިސާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ސައީދު ވިދާޅުވި އެވެ.
މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާ އިން މީގެކުރިން ވަނީ ބުނެފަ އެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާއިރު، އެ ގައުމުގެ އެހީގައި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައިވެ އެވެ