ads
ވައިކަރަދޫއަށް މިއަދު އެރި ރާޅެއް
ރާޅުއަރާ ވައިކަރަދޫ ދޯނިތަކާއި ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ހދ. ވައިކަރަދޫއަށް ބިޔަ ރާޅުތަކެއް އެރުމުގެ ސަބަބުން އެރަށުގެ ދޯނިތަކާއި ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފި އެވެ.
Advertisement

ނަސީމު ވިދާޅުވީ މިއަދު މެންދުރުން ފެށިގެން ވަރަށް ބޮޑަށް އެރަށަށް ރާޅުއަރަމުން އަންނަ ކަމަށާއި، ދޯނި އެހެލާ ސަރަހައްދުގައި ހުރި ދޯނިތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ރާޅު އަރައިގެން ގިނަ ދޯނިތައް ވަނީ ވެއްޓިފައި. ބައެއްދޯނިތަކަށް އެކިވަރުގެ ގެއްލުނަތައް ލިބިފައިވޭ - ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް

އަދި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރަށުގެ ރައްޔިތުން ނިކުމެ އަރިއަޅާފައިވާ ދޯނިތައް ކޮޅަށް ޖެހި ކަމަށާއި، ރަށު ފަޅުތެރޭގައިހުރި ބައެއް ދޯނިވެސް މިހާރު އެހެލާފައިވާ ކަމަށް ނަސީމު ވިދާލުވިއެވެ. މީގެ އިތުރުން ދޯނި އެހެލާ ސަރަހައްދުގެ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރާފައިވާ ކަންވެސް ނަސީމު ފާހަގަ ކުރެއްވިއެވެ. 

ހަމައެހެންމެ މިއަދު ރަށަށްއެރި ބިޔަ ރާޅުތަކާއެކު ރަށުގެ ބަނދަރަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ނަސީމު ވިދާޅުވިއެވެ. 

މިއަދު އެރި ރާޅުތައް ބަނދަރުގެ ބޭރު ތޮށްޓަށްވުރެ ގާތްގަނަޑަކަށް ފަސްފޫޓު އުސް ވާނެ. ބޭރު ތޮށީގެ ބޮޑު ބައެއްވެސް ވަނީ ވެއްޓިފައި- ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް

މީގެއިތުރުން ބަނދަރުގެ އެތެރޭ ތޮށްޓަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ނަސީމު ވިދާޅުވިއެވެ.

ނަމަވެސް ރަށުގެ ގެތަކަށް މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާކަން ފާހަގަ ކުރަމުން ނަސީމު ވިދާޅުވީ ބޮޑަށް ގެއްލުން ލިބިފައިވަނީ ބަނދަރާއި، ދޯނިތަކުގެ އިތުރުން ދަނޑުތަކަށް ކަމަށެވެ.

އެގޮތުން މިއަދު އެކަނިވެސް 300 އަށްވުރެ ގިނަ ގަސް ވެއްޓިފައިވާކަން ނަސީމު ފާހަގަ ކުރިއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި އެރަށުން 1000 އަށްވުރެ ގިނަ ގަސް ވަނީ ވެއްޓިފައެވެ. މީގެ ތެރޭގައި ފޯދިފައިވާ ގަސްތަކާއި ނިރުތައް ހިމެނެއެވެ. 

ވައިކަރަދޫ އަކީ ފުޅާ ދާއިރާއެއްގައި ކޭލުގެ ދަނޑުވެރިކަން ކުރަމުން އަންނަ ރަށަކަށްވާއިރު މިހާރު މިކުރަންދާ ވިއްސާރައިގައި އެރަށުގެ ދަނޑުވެރިންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށްވެސް ނަސީމު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް