ads
ޑިފެންސް މިނިސްޓަރ މާރިއާ ފޮޓޯ:---
އިންޓެލް ފެއިލިވުމުގެ ޒިންމާ ނަގާ، މިނިސްޓަރު މާރިޔާ އިސްތިއުފާ ދޭން ޖެހޭ!؟
މެމްބަރު އިލްޔާސް، ހަމަލާގެ މައުލޫމާތު ހިއްސާ ކުރެއްވި
ސިފައިންނާއި ފުލުހުން ވިދާޅުވީ މި ހަމަލާއާ ގުޅުންހުރި އިންޓެލްއެއް ނުލިބޭ ކަމަށް
އާއްމުން ގޮވާލަނީ މިނިސްޓަރު މަގާމުން އެކަހެރިވެ، މިނިވަން ތަހުގީގަކަށް ފުރުސަތު ދޭން
މި މަހު 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަކީ މި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. މިފަދަ ނުރައްކާތެރި ހަމަލާއެއް ރާވާ، އިންތިޒާމުކޮށް، އެކަން ކުރިއަށް ގެންދިއައިރު ދިވެހި ސަލާމަތީ ބާރުތަަކަށް އެކަމުގެ ހިލަމެއް ނުވަނީ ތޯ، ހަމަލާދިން ވަގުތުން ފެށިގެން ވެސް ގިނަ ބަޔަކު ދިއައީ ސުވާލު އުފައްދަމުންނެވެ.

ނަޝީދަށް ދެވުނު ހަމަލާގެ "ގޯލްޑަން އަވަރސް" ގައި ފުލުހުންނާއި ސިފައިން ވެސް ވިދާޅުވަމުން ގެންދެވީ ޖުމްލަ ގޮތެއްގައި އެއް ވާހަކަ އެކެވެ. އެއީ ސީދާ ނަޝީދަށް އަމާޒުކޮށް މިފަދަ އުދުވާނީ ހަމަލާއެއް ދޭން އުޅޭ ކަމަށް އެފަރާތުގެ އިންޓެލްއަށް މައުލޫމާތު ލިބިފައި ނުވާކަމަށެވެ.

ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް މިކަހަލަ ހަމަލާއެއް އަމާޒު ވެދާނެ ކަމުގެ އެއްވެސް އިންޓެލް އެއް ނުލިބޭ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ލިބުނު ނަމަ އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެކަން ހުއްޓުވުން ކުރެވުނު ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. 

"އިންޓެލްގެ މަސައްކަތެއް ނުހުއްޓޭ. އެއީ ހުއްޓޭނެ މަސައްކަތެއް ވެސް ނޫން. އެކަމަކު އަޅުގަނޑުމެންނަކަށް ރޭގެ އިންޓެލްއެއް ނުލިބޭ. އެ ނުލިބުނީ ކީއްވެގެންތޯ އެކަން ބަލާ ފަރާތްތަކުން ބަލަން ޖެހެނީ. އޭގެ ޕޯސްޓްމޯޓަމެއް ހަދަން ޖެހޭނީ" -- ކޮމިނަޝަރ އޮފް ޕޮލިސް 

ހަމަލާއާ ގުޅިގެން ސިފައިން ބޭއްވި ޕްރެސްގައި ޗީފް އޮފް ޑިފެންސް ފޯސް، އަބްދުﷲ ޝަމާލް ވިދާޅުވީ، ރައީސް ނަޝީދާއި ގުޅޭ އިޓެލިޖެންސް މައުލޫމާތު ތަކަކީ އަބަދުވެސް ލިބޭ އެއްޗެއް ކަމަށާއި ނަމަވެސް ސީދާ، މިފަދަ ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ. 

"އެބޭފުޅާ [ރައީސް ނަޝީދު] އާއި ގުޅޭ އިންޓެލިޖެންސް އިމްޕުޓްސް އަކީ އަބަދުމެ އަންނަ އިންޕުޓްތަކެއް. އެބޭފުޅާ އަކީ ހައި ރިކްސްބޭފުޅެއް. އެބޭފުޅާއަށް އަންނަ ތްރެޓްތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް އަބަދުމެ ލިބޭ. އަދި ލިބިގެން އެކަމާ ގުޅިގެން ގިނަ ފިޔަވަޅުތައް އެޅިގެންދަނީ" -- ޝަމާލް

ސަލާމަތީ ހިދުމަތްތަކުގެ ޕްރެސްއަށް ފަހު އިންޓެލިޖެންސް ފެއިލްވި ގޮތުގެ ވާހަކަތައް ގަދަވެ، އެންމެ ފަހުން އިންޓެލް ޔުނިޓުތައް ފެއިލްވި ސަބަބު ބަލަން އޮޑިޓެއް ހަދަން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް ކުއްލިއަކަށް ފެންމަތިވާން ފެށީ އިންޓެލިގެންސާއި ގުޅޭ، މުޅިން އާ ވާހަކަތަކެކެވެ. އެއީ ހަމަލާގެ ދުވަސްތަކެއް ކުރިން، ސީދާ ޑިފެންސް މިނިސްޓަރ މިނިސްޓަރު މާރިޔާއަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ގުޅުއްވާ، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ ތަފްސީލު ހިއްސާ ކުރެއްވި ވާހަކަ އެވެ.

ހަމަލާއެއްގެ އިންޒާރު ކުރީބައިގައި ޑިފެންސް މިނިސްޓަރަށް ލިބިފައިވާ ކަމަށް ހަބަރު ފެތުރެން ފެށުމާއިއެކު ޑިފެންސް މިނިސްޓަރު ވަނީ އެ ވާހަކަތަކަކީ ތެދުފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި މެމްބަރަކު އެކަމަނާއަށް ގުޅުއްވާ "މާރީ ރައީސަށް ބައްލަވައްޗޭ" ވިދާޅުވި ކަމަށް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެކަމަނާ ވިދާޅުވެފައެވެ. 

"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ތިކަން ބަލަމުން ދާނަމޭ، ތިކަމަކީ ޖިނާއީ ކަމަކަށްވާތީ މެންބަރުވެސް ތިވާހަކަ ސީޕީއަށް އަންގަވައްޗޭ" -- މާރިއާ ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާއަށް މައުލޫމާތު ހިއްސާ ކުރެއްވި މެމްބަރަކީ، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބެވެ. މާރިޔާގެ މި އިންޓަވިއުއާއެކު، އިލްޔާސް ނިންމެވީ އެކަމާއި ގުޅޭ ބަޔާނެއް ނެރުއްވަވާ، ރައްޔިތުންނަށް ވެގެން އުޅޭ ގޮތެއް ސާފުކޮށްދެއްވާވަށެވެ. އެގޮތުން މިކަމާއި ގުޅިގެން ނެރުއްވި ބަޔާނުގައި އިލްޔާސް ވިދާޅުވީ، ރާއިސް ނަޝީދަށް ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާ ރޭވުމެއްގެ މައުލޫމާތު ލިބި އެ މައުލޫމާތު ރައީސް ނަޝީދާއި ހިއްސާ ކުރައްވާފައިވާކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝާދުގެ މަތިން އޭގެ ތަފްސީލު ޑިފެންސް މިނިސްޓަރު މާރިއާ އާއި ވެސް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. 

އިލްޔާސްގެ ބަޔާނުގައި އޭނާ ވަނީ ޕޮލިސްއަށް މައުލޫމާތު ހިއްސާ ކުރަން އެންގި ކަމަށް ބުނާ ބުނުން ދޮގު ކުރައްވާފައެވެ. އެކަމާއި ގުޅިގެން އިލްޔާސް ވިދާޅުވީ، ރައީސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ ހަވާލުވެފައި އޮތް ޑިފެންސް މިނިސްޓްރީއާ މައުލޫމާތު ހިއްސާ ކުރުމުން ޕޮލިސް ކޮމިޝަނަރ ނުވަތަ އިތުރު ފަރާތަކަށް މައުލޫމާތު ހިއްސާ ކުރަން އަންގާފައި ނުވާ ކަމަށެވެ.  

އިލްޔާސްގެ މި ބަޔާނާއި އެކު މި މައްސަލާގައި ކުރިން ނޭގޭ އެތަކެއް ކަންތަކެއް އާއްމުންނަށް މިހާރު އެނގިގެން ހިނގައްޖެއެވެ. މީގެ ކުރިން ދިވެހި ސިފައިން ހަލަމާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާއި، މިހާރު ޑިފެންސް މިނިސްޓަރު މާރިޔާ ދައްކަވާ ވާހަކަފުޅު ދިމާއެއް ނުވެއެވެ. ހައި ރިސްކު، ސެކިއުރިޓީ ދެއްވާ ބޭފުޅެއްގެ ސަލާމާތާއި ގުޅޭ މިވަރުގެ މައުލޫމާތެއް ލިބި އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި، ބޮޑު ހާދިސާއެއް ހިނގާ، މީހެއްގެ ފުރާނަ ނުދިޔައީ ހަމަ ކިރިއާ އެވެ.

މިކަންކަން ރައްޔިތުންނާއި ހިސާބަށް ތިލަވާން ފެށުމުގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ދަރިކަލުން މީރާ، ކުރެއްވި ޓްވީޓެއްގައި ވަނީ  ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. އެގޮތުން މިރާގެ ޓްވީޓުގައި އޭނާ ވަނީ މިހަމަލާގެ އަޑީގައި ތިބި މީހުންނާއި ޑިފެންސް މިނިސްޓާރާއި ގުޅުވާ، "އިންސައިޑް ޖޮބް" އެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. މި ތުހުމަތުތަކާއި ގުޅޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް، އަބްދުﷲ ޝަމާލް ދިވާޅުވީ މިހަމަލާގައި ސިފައިންގެ އަތެއް ނުވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. 

ރައީސް ނަޝީދަކީ ދައުލަތުގެ އެންމެ ހައި ޕްރިއޮރިޓީ، އަދި އެންމެ ވަރުގަދަ ސެކިއުރިޓީ ދެމުން އަންނަ ބޭފުޅުންގެ ތެރެއިން ހިމެނޭ ބޭފުޅެއް ކަމަށް ސިފައިން ވިދާޅުވެއެވެ. ނަމަވެސް ނަޝީދަށް ދެވުނު ސިކުއިރިޓީގެ ދޯދިޔާކަން، ހަމަލާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ވެސް ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ. އެގޮތުން ވީޑިއޯއިން ފެންނަ ގޮތުގައި ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގަންނަވާއިރު ނަޝީދާއި ބޮޑީގާޑުގެ ދެމެދަށް، އެމަގުން ހިންގާފައިދިޔަ އާއްމު މީހަކު، އެއްވެސް ހުރަހަކާ ނުލާ ވަދެގެން ދެއެވެ. އަދި ފަހަތުން އަންނަ ސައިކަލުތައް ވެސް ތިބެނީ ހަމަ އެމަނިކުފާނާއި އެހާމެ ގާތުގައެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ހައި ލެވެލް ސިކުއިރިޓީ ދެވޭ ބޭފުޅުން ހިންގަވާފައި ވަޑަގައިންނަވާއިރު ފެނިގެންދާ މަންޒަރެއް ނޫނެވެ. 

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް މިއަދު 10 ދުވަސް ފުރިފައިވާއިރު މިނިސްޓަރު މާރިޔާގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ވަނީ ގަދަވާން ފަށާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންދާ މީހުން ބުނާ ގޮތުގައި ޑިފެންސް މިނިސްޓަރ މާރިޔާ ބޮޑުތަނުން "ފެއިލް ވެއްޖެ" އެވެ. އަދި ސިފައިންގެ އިސް މަގާމެއްގައި ފެއިލްވެފައިވާ މީހަކު ހުރުން އެއީ ދިވެހި ސިފައިންގެ މުއައްސަސާއަށް ރައްޔިތުންގެ މެދުގައި އޮންނަ، އިތުބާރާއި ޔަގީންކަން ގެއްލިގެންދާނެ ކަމެކެވެ. އަދި ހަމައެހެންމެ މި މައްސަލައާ ގުޅުން ހުރި އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ތަހުގީގު ކުރުމަށް ވެސް ހުރަސް އެޅިގެންދާނެ ކަމެކެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް