
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށްފަހު ފަލަސްތީން ދިދަ ދަނޑު މައްޗަށް ގެނައީ ލެސްޓާ ސިޓީގެ ވެސްލީ ފޮފަނާ އާއި ހަމްޒާ ޗޯދްރީ އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުސްލިމް ދެ ކުޅުންތެރިންނެވެ.
ލެސްޓާގެ ކުޅުންތެރިން ރޭގެ މެޗަށްފަހު ފަލަސްތީނުގެ ދިދަ ދައްކާލާފައިވަނީ ފަލަސްތީނުގެ ކުށެއް ނެތް އާއްމުންނާއި ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނާއި އެކު ދުނިޔެ އޮތްކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.
ލެސްޓާ ސިޓީގެ ގިނަ ކުޅުންތެރިން ވަނީ ފަލަސްތީނު ދިދައާއެކު ފޮޓޯ ނަގާފައެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބައެއްގެ ތައުރީފު ދަނީ އެޓީމުގެ ކުޅުންތެރިންނަށް އޮހެމުންނެވެ.
ރޭގެ މެޗުން ލެސްޓީ ސިޓީން ޗެލްސީގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. މިއީ އެކްލަބުގެ ތާރިހުގައި ވެސް އެ ކްލަބުން އެފް.އޭ ކަޕު މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.