އެޗްޕީއޭއިން މިއަދު ބުނީ މިއަދުން ފެށިގެން މާބަނޑު އަންހެނުންނަށް ވެސް ފައިޒާ ވެކްސިން ޖަހައިދޭން ނިންމާފައިވާ ކަމަށާއި އެކަމަށް އެދި ރަޖިސްޓްރީ ކުރުމުން، ރަޖިސްޓްރީ ތަރުތީބުން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފައިޒާ ވެކްސިން ޖަހަން، އެޗްޕީއޭއިން ނިންމީ، ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންދާ މީހުންނާއި ގުނަވަން ބަދަލު ކުރުން ފަދަ ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިތިބި ހައިރިސްކު މީހުންނަ އެކަނި އެވެ.
ރާއްޖޭގައި މިވަގުތު ޖަހަމުން ދަނީ 3 ބާވަތެއް ވެކްސިން އެވެ. އެއީ ފައިޒާ އާއި ސިނޮފާމްގެ އިތުރުން ކޮވިޝީލްޑް އެވެ. ރާއްޖޭގައި މިވަގުތު ކޮވިޝީލްޑުގެ ސްޓޮކު މަދުވުމާ ގުޅިގެން ކޮވިޝީލްޑު ވެކްސިން ޖަހައިދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.