ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އިންޓެލިޖެންސް ފެއިލް އެއް ކަމަށް ނުދެކޭ ކަމަށާއި އެއީ ފަރުވާކުޑަކަމުން ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް ގަސްތުގައި ރާވައިގެން ކުރިކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދަށް ރައްކާތެރިކަން ދީފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނި ނަމަވެސް، އެމަނުކުފާނަށް ސަލާމަތީ ބާރުތަކުން ރައްކާތެރިކަން ދީފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގައިވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮވި މީހުން އެބަތިބި ކަމަށާއި 7 ފެބުރުއަރީގައިވެސް ރައްޔިތުންނަށް އެތައް އަނިޔާއެއް ކުރި މީހުން ސިފައިންނާއި ފުލުހުންގެ ތެރޭގައި ތިބިކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދޭންވީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ފަންޑުކުރި މީހުން ހޯދުމަށްކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާދިން މީހުން ހޯދިދާނެ ކަމުގެ ޔަގީންކަން ނެތްކަމަށް ބޮންޑޭ ވިދާޅުވެފައިވާއިރު، ނަޝީދަށް ދިން ހަމަލާތަކާ ގުޅިގެން އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދުގެ ތުހުމަތަކެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ އިންޓެލް ލިބިފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ބައިވެރިވި ޕްރެސްއެއްގައި ސިފައިން ބުނެފައިވާއިރު، ހަމަލާގެ މައުލޫމާތު މާރިޔާއަށް ކުރިންބައިން ލިބިފައިވާކަން ފަހުން ވަނީ ހާމަވެފައެވެ.