ads
ފޮޓޯ--
މަތީ ތައުލީމުގެ ގާނޫނަކީ ހުރިހާ މުވައްޒފުންނަށް ވެސް ލިބުނު ފަހުރެއް
މަތީ ތަޢުލީމާއި ތަމްރީނާއި ބެހޭ ޤާނޫނެއް ވުޖޫދުވެގެން އައުމަކީ ހުރިހާ މުވައްޒަފުންނަށްވެސް ލިބިގެންދާ ފަހުރެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފާސްކުރި، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލު ތަސްދީގް ކުރެވިގެންދިޔުމާއިއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަދި ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައްދަލު ކުރައްވާ ވަނީ މަރުހަބާ ދަންނަވާފަ އެވެ. 

ވާޗުއަލްކޮށް ބޭއްވުނު އެ ބައްދަލުވުންތަކުގައި މިނިސްޓަރު ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީ ތައުލީމާއި ތަމްރީނާއި ބެހޭ ގާނޫނެއް ވުޖޫދުވެގެން އައުމަކީ ހުރިހާ މުވައްޒަފުންނަށްވެސް ލިބިގެންދާ ފަހުރެއްކަމާއި، ގާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް ހުރިހާ މުވައްޒަފުންވެސް ޕްރޮފެޝަނަލްކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. 

އަދި މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ބިލު ތަސްދީގް ވުމާއިއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ މިވަނީ އަލުން ވުޖޫދުވެ ގާނޫނީ ހައިސިއްޔަތު ލިބިފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އަދި ޓިވެޓް އޮތޯރިޓީ، ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ބަދަލުވެފައިވުމާއި އެކު މުވައްޒަފުން އެ ގާނޫނަށް އަހުލުވެރިވުމަށާއި މަސައްކަތުގެ އަހުލާގު ބަހައްޓަންވީ ގޮތުގެ މައްޗަށް އަލިއަޅުވާލާ މިނިސްޓަރު ނަސޭހަތްތެރިވެ ވަޑައިގެންވި އެވެ. 

ގާނޫނު ނަންބަރު 7/2021 ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ހިދުމަތްތައް ކުރިއެރުވުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތައުލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

އެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. ހަމަ އެއާއެކު، ރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާއި، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުންވެސް އެގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ގާނޫނުގެ ސަބަބުން ރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަގިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެއެވެ. 

މިއާއިއެކު މިނިސްޓަރު ހަސަން ފާހަގަކުރެއްވި ގޮތުގައި އެ ގާނޫނާއި ގުޅިގެން ވަގުތުން ތަންފީޒު ކުރަންޖެހޭ ކަންތައްތަކާއި ގެންނަންޖެހޭ ބަދަލުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށް އެބަދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް