އިންޓަނެޓަކީ ޒަރޫރީ ބޭނުމަކާ އެއްވަރުވެފައިވާ ދަނޑިވަޅެއްގައި ވެސް ރާއްޖޭގައި އިންޓަނެޓުގެ އަގުތައް އުޅެނީ އަތް ނުފޯރާ ފަށުގައެވެ. އެންމެ ޖީބީއެއްގެ ޑާޓާ ރާއްޖޭގައި ލިބެނީ 125 ރުފިޔާއަށެވެ. ނަމަވެސް އަވަށްޓެރި ސްރީލަންކާ އަދި ބަނގުލަދޭޝްގައި ޑާޓާ ޖީބީއެއްގެ އަގު އުޅެނީ އެއް ޑޮލަރަށްވުރެވެސް ހޮޔޮކޮށެވެ.
އެގޮތުން 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރައްޔިތުންގެ ތާއީދު ހޯދުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކަށް ވެގެންދިޔައީ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ވާހަކަފުޅެވެ. އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ ރައީސް ސާލިހުގެ ކޯލިޝަން ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީ އަށް އޭރު ނިސްބަތްވާ މުހައްމަދު މަލީހު ޖަމާލް އެވެ.
ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ތިން އަހަރު ފާއިތުވެގެން ގޮސްފައިވާއިރު އިންޓަނެޓުގެ އަގުތައް ހެޔޮވެގެން ދިޔަކަމުގެ އިހުސާސެއް ރައްޔިތުންނަށް ނުކުރެވެއެވެ. ރާއްޖޭގައި އިންޓަނެޓުގެ އަގު ބޮޑުކަމަކީ ފެންނަން އޮތް ހަގީގަތެކެވެ.
އިންޓަނެޓުގެ ހިދުމަތުގެ އަގުހެޔޮ ކުރުމުގެ އެކަށީގެންވާ ސިޔާސަތުތަކެއް މިއަދާ ހަމައަށް ވެސް ތަންފީޒު ކުރެވިފައި ނުވާއިރު، ބައެއް މީހުން ތިބީ އުންމީދު ކަނޑާލާ ހިސާބަށް ގޮސްފައެވެ.
އިންޓަނެޓުގެ އަގުތަކާ ގުޅޭގޮތުން ސަރުކާރުން މިވީހާ ދުވަހު ދައްކާފައިވާ ބައެއް ވާހަކަތައް ހުލާސާ ކޮށްލާނަމެވެ.
މިގޮތުން 2018 އަހަރު ނިމިގެން ދިޔައީ އިންޓަނެޓު އަގުހެޔޮ ކުރުމަށް މަޝްވަރާތައް ކުރުމުގައެވެ. މަލީހު ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް ރާއްޖޭގައި މިހާރު އޮތް މުއާސަލާތީ ދެ ކުންފުނި ކަމުގައިވާ ދިރާގު އަދި އުރީދޫ އާއި ވާދަކުރާނެ އިތުރު ކުންފުންޏެއް ބޭނުންވާކަމަށް ނިންމެވިއެވެ. އެހެންކަމުން އިތުރު ކުންފުނިތަކަށް ޖާގަ ދީގެން ވިޔަސް އިންޓަނެޓް އަގުހެޔޮކުރާނެ ކަމަށް 2019 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު މިގޮތުގައި ފާއިތުވެ ދިޔައީ އިތުރު ކުންފުންޏެއް އަންނާނެ ކަމުގެ އިންތިޒާރުގައި ތިއްބައެވެ. މުވާސަލާތީ ހިދުމަތްތަކާއި އިންޓަނެޓުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް މިހާރު އޮތް މުވާސަލާތީ ކުންފުނިތަކުގެ އެހީއަށް ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު އެދިފައިވަނީ އެކަން ނުވުމުން ތާއެވެ. އެއާއެކު އިންޓަނެޓުގެ އަގުތަކަށް ގެންނަ ބަދަލުތަކާއި ބެހޭގޮތުން ސަރުކާރާއި ޓެލެކޮމް ކޮމްޕެނީތަކާއި، ދައްކަންޖެހޭ ވާހަކަތައް ދައްކާ ނިމިފައިވާ ކަމަށާއި އަދި މިއާއި އެކީ ގެންނަ ބަދަލުތައް ފެށޭނީ އެ އަހަރުގެ އޭޕްރީލުގައި ކަމަށް 2020 ވަނަ އަހަރުގެ މާޗު 30 ގައި ސަރުކާރުން ބުންޏެވެ.
ބްރޭކިން ނިއުސްގެ ގޮތުގައި އަނެއްކާވެސް 31 މާޗު 2020 ގައި އަޑު އިވިގެން ދިޔައީ ފަސޭހަކަމާއެކު އިންޓަނެޓު ލިބޭނެ ގޮތް ހެދުމަށް ރައީސް ސޯލިހު ނިންމެވި ހަބަރެވެ.
ނަމަވެސް އެއާއެކުވެސް އިންޓަނެޓުގެ އަގުތައް ހެޔޮވެގެން ދިޔަތަނެއް ނުފެނުނެވެ.
މަޖިލީހުން މި މައްސަލައިގެ ތެރެއަށް ވަދެ އިންޓަނެޓް އަގުހެޔޮކުރެވޭނެ ދުވަހަކާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާބެހޭ ޓެކްނިކަލް ރިޕޯޓު ގާއިމްކުރުވޭނެ ދުވަހެއް 30 ދުވަސް ތެރޭގައި ކަމާބެހޭ ފަރާތްތަކުން މަޖިލީހަށް ހުށަހެޅަންޖެހޭ ގޮތައް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީން އެކަށީގެންވާ އެއްބާރުލުމެއް މަޖިލީހަށް ނުދޭކަމަށް އޭރު އެ މައްސަލަ ބެލި ކޮމެޓީން ދިޔައީ ބުނަމުންނެވެ. އެގޮތުން މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނަމުން ދިޔައީ މަޖިލީހުގެ ކޮމެޓީގައި ރައީސް އޮފީހުން ތައްޔާރުކޮށްފައި އޮތް ސްޓްރެޓަޖިކް އެކްޝަން ޕްލޭން ބެލުމަށެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާވެސް ސަރުކާރަށް އަމާޒުވެގެން ދިޔައީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދާދެވިއްޖެ ކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު މިދިޔަ މަހުގެ ތެރޭގައި ހާމަކުރުމާއެކު އެވެ. ޖީބީ އެއް ފަސް ރުފިޔާ ބަޔަށް ލިބޭނެކަމަށް އެ ބޭފުޅާ ވިދާޅުވުމުން، ޕެކޭޖަކަށް އަމާޒުކޮށް ނަމަވެސް ރައްޔިތުން އެ ޕްލެޓްފޯމްތަކުގައި ބުނަމުން ދިޔައީ އަދިވެސް ޖީބީއެއް 90 ރުފިޔާއިން ތިރި ނުވާ ކަމަށެވެ. އަވަށްޓެރި ސްރީލަންކާގައި ޖީބީ އެއް ގާތްގަނޑަކަށް އަށް ރުފިޔާއަށް ލިބޭއިރު، ރާއްޖެއަށްވެސް އެފަދަ ބަދަލުތައް ގެނެވެންވާނެ ކަމަށް ބުނަމުން ދިޔައެވެ.
އެހެން ޕާޓީތަކުގެ މިނިސްޓަރުން ސަރުކާރުގެ ކެބިނެޓުތަކުގައި ތިބުމުން އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސް އެޅޭކަމަށް އެމްޑީޕީން ވަނީ މީގެ ކުރިން ބުނެފައެވެ. އެއާއެކު އިންޓަނެޓުގެ އަގުހެޔޮ ނުވެ ރައްޔިތުންގެ ފާޑުކިޔުންތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދެން ފެނުނީ ޖޭޕީގެ ސްލޮޓެއްގައި ޓެކްނޮލިޖީ މިނިސްޓަރުކަމާ ހަވާލުވި މަލީހު މަގާމުން ވަކިކުރި ތަނެވެ.
މަލީހުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވާން ފެށީ ދެނެވެ. އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނިންމާ ރައީސް އޮފީހަށް ފޮނުވިން ކަމަށާއި، ނަމަވެސް އެކަން ނުކުރީ ސަރުކާރުން ކަމަށް މަލީހު ވަނީ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައެވެ. އަދި އެކަން ނުކުރީ އެމްޑީޕީގެ ވަޒީރެއް ނޫންވީމަތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ.
މަލީހު މަގާމުން ވަކި ކުރުމަށްފަހު އެންވާރަމަންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލައި ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. ޝައުނާވެސް މަގާމާ ހަވާލުވެ އެންމެ ފުރަތަމަ ދެއްކެވި އެއް ވާހަކައަކަށް ވެގެންދިޔައީ އިންޓަނެޓުގެ ވާހަކައެވެ. އެގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް، ހޯމަ ދުވަހު ޝައުނާ ވިދާޅުވިއެވެ.
ތިން އަހަރު ފާއިތުވެ ދަނީއެވެ. އަނެއްކާ އައިސް މި ޖެހުނީ ހަމަ ފެށި ހިސާބުގައެވެ. އަގު ހެޔޮކުރުމުގެ "މަސައްކަތް ސަރުކާރުން ކުރަމުން އަންނަ" ހިސާބަށެވެ. މިނިސްޓަރުވެސް ބަދަލުވެއްޖެއެވެ. އެ މަގާމަށް އެމްޑީޕީގެ މެންބަރަކުވެސް ލެވިއްޖެއެވެ. ނަމަވެސް ދައްކާ ވާހަކަ ބަދަލެއް ނުވެއެވެ. ބުނާ ބަސް އަމަލުން ފެންނަތަނެއް ނާދެއެވެ. މަލީހާ ޝައުނާގެ ތަފާތު އިންޓަނެޓުގެ އަގުން ފެނިދާނެތޯ؟ ރައްޔިތުން ތިބީ ބަލާށެވެ.