ads
ދާރުލް އާސާރު
"ދާރުލްއާސާރުގެ ކުރިމަގު، އާ ވިސްނުންތަކާއެކު އާރާސްތުކުރުން"
މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިއާރަކީ "ދާރުލްއާސާރުގެ ކުރިމަގު، އާ ވިސްނުންތަކާއެކު އާރާސްތުކުރުން ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގައި ފާހަގަކުރެވެމުންދާ ބައިނަލްއަގުވާމީ ދާރުލްއާސާރުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 18
ވަނަ ދުވަހެވެ. 

ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ގައުމީ ދާރުލް އާސާރުގައްޔާއި އެހެނިހެން ދާރުލްއާސާރުތަކުގައި މަސައްކަތް ކުރައްވަމުންގެންދަވާ އަދި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށާއި ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އަރިސްކޮށްފަ އެވެ.

ވަކިން ހާއްސަކޮށް އަމިއްލަ ދާރުލްއާސާރުތައް ހުޅުއްވައިގެންނާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖޭގެ ސަގާފީ ތަރިކަ ހިމާޔަތްކޮށް މީހުންނަށް ދައްކައި ދެމެހެއްޓުމާއި މަސައްކަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް އެބޭފުޅުންގެ އަގުނުކުރެވޭ މަސައްކަތްތައް މިނިސްޓަރު ވަނީ ފާހަގަކޮށް ޝުކުރު ދަންނަވައި ދުވަހުގެ ހެޔޮއެދުންތައް އަރިސްކޮށްފަ އެވެ.

ދުނިޔޭގެ ދާރުލްއާސާރު ދުވަހަކީ އިންޓަރނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް)ގެ ފަރާތުން
ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށްވާއިރުގައި މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިއާރަކީ "ދާރުލްއާސާރުގެ ކުރިމަގު: އާ ވިސްނުންތަކާއެކު އާރާސްތުކުރުން" ނުވަތަ "ދަ ފިއުޗާ އޮފް މިއުޒިއަމްސް: ރިކަވަރ އެންޑް ރީއިމޭޖިން" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

ދާރުލްއާސާރުތަކަކީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ތަންތަނެއް ކަމަށާއި މި ތަންތަނަކީ ތާރީހާއި ތަރިކަ އާއި ސަގާފަތާއި ފަންނުވެރިކަމުގެ ތެރެއިން ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދަމަހައްޓައިދޭ އަދި ތަފާތު އިލްމުތަކަށް ލޯހުޅުވައިދޭ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ޔުމްނާ ވިދާޅުވީ ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އަކީ ކޮވިޑް19 ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ދާއިރާ ކަމަށެވެ. 

ކޮވިޑްއާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި ގިނަ ދާރުލްއާސާރުތައް ވަގުތީ ގޮތުން ނަމަވެސް ބަންދުކުރުމަށް ވަނީ މަޖުބޫރުވެފައި ކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ އެ ގޮތުން ރާއްޖޭގެ ގައުމީ ދާރުލްއާސާރާއި ސަރަހައްދީ ދާރުލްއާސާރުތައް ވެސް މި ވަގުތު ވަނީ ބަންދު ކުރެވިފައި ކަމަށެވެ.

ނަމަވެސް ތާރީހާއި ސަގާފަތާއި ފަންނުވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި ހިތްހަމަޖެހުން ގެނުވައިދޭކަން އިހުނަށްވުރެ ބޮޑަށް މި ދުވަސްވަރު އިހުސާސް ކުރެވިގެން ހިނގައްޖެއް ކަމަށާއި އަދި ޒަމާނީ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އައު ވިސްނުންތަކާއި އައު ހިޔާލުތަކާއެކު ދާރުލްއާސާރުތައް އަލުން އާރާސްތުކޮށް ތަރައްގީކޮށް ތާރީހާއި ތަރިކަ އާއި ބެހޭ މައުލޫމާތު މުޖުތަމައުތަކަށް ގެނެސްދިނުމުގެ މުހިންމުކަން އިތުރުވެގެން ހިނގައްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެހެންކަމުން، ތަފާތު ގޮންޖެހުންތަކާއިއެކު ވެސް، އައު ހިޔާލުތަކާއި އައު ގޮތްތަކާއެކު ރާއްޖޭގެ ގައުމީ
ދާރުލްއާސާރާއި ބައެއް ސަރަހައްދީ ދާރުލްއާސާރު (ސައިޓް މިޔުޒިޔަމް) ތަރައްގީކުރުމުގެ މަސައްކަތްތަކެއް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ގެންދަނީ ކުރަމުން ކަމަށާއި އެ މަސައްކަތްތައް ކުރެވެމުންދަނީ، ލާ މަރުކަޒީ އުސޫލުން ކައުންސިލްތަކުގެ މަޝްވަރާ އާއި އެހީތެރިކަމާ އެކުގައި ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ގައުމީ ދާރުލްއާސާރާއި ސަރަހައްދީ ދާރުލްއާސާރުތަކެއް ތަރައްގީ ކުރެވިއްޖެ ނަމަ އެ ތަންތަން ވެގެންދާނީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ތާރީހާއި ތަރިކަ އާއި ސަގާފަތާއި ފަންނުވެރިކަން ދައްކައިދޭ އަދި ޒުވާން ޖީލުތަކަށް އެ ރަށެއްގެ ތާރީހް ބުނެދޭ ތަންތަން ކަމުގަ އެވެ.

ހަމަ އެހެންމެ، ދާރުލްއާސާރުތައް ވެގެންދާނީ ފަތުރުވެރިކަމުގެ ތެރެއިން އެ ރަށްރަށަށް މާލީ މަންފާތަކެއް ލިބި އެ ރަށްރަށުގެ އިގްތިސާދަށްވެސް ހެޔޮ އަސަރުތަކެއް ފޯރުވާނެ ތަންތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ

ދާރުލްއާސާރުތަކުގައި ހުންނަ އާސާރުތަކަކީ ދިވެހީންގެ ހަނދާންތަކާއި، އަމިއްލަވަންތަކަމާއި ޝުއޫރުތަކާ ގުޅިފައިވާ
އާސާރުތަކެއް ކަމަށާއި މިތަކެތި ރައްކާތެރިކޮށް އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއް ކަމުގައި ހަދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް