ads
ކައިޒީން--
ކައިޒީން ފަލަސްތީންގެ 3،000 ދިދަ ހިލޭ ދެނީ
ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން މިއަދު ކުރިއަށްދާ "ދިދަ ހިފައިގެން ބެލްކަންޏައް" އެއްވުމަށް ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބެހުމަށް ނިންމައިފިއެވެ.

އިންސްޓަގްރަމްގައި ކައިޒީން އާންމު ކުރި ޕޯސްޓެއްގައި ވަނީ ފަލަސްތީންގެ ދިދަތައް ހިލޭ ބެހުމަށް ނިންމާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނި ގޮތުގައި، ދިދަ ލިބޭނީ އެމް7 ގެ ބުކްޝޮޕްތަކުންނެވެ.

އެމް7 ގެ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގައި ހުންނަ އިރު، އެ ތަންތަނަށް ދާ ކޮންމެ މީހަކަށް 10 ދިދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކައިޒީން ބުނީ މި ދިދަތައް އެ އައުޓްލެޓްތަކުން ދޭ އިރު، އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.

ކައިޒީން ބުނީ މިއީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް އެހީތެރިވާން ކުރާ ކަމެއް ކަމަށެވެ.

ކައިޒީން ވަނީ އިސްރާއީލުން، ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި ފަލަސްތީނާއެކު ތިބި ކަން ހާމަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ، ފަލަސްތީނުގެ އަހުންނާއި އުހްތުންނާ އެކު ވާކަން ހުރިހާ ދިވެހިން ވެސް ދައްކައި ދިނުމަށް އޭނާ ވަނީ ވަރަށް ބޮޑަށް އެދިފައެވެ.

ކައިޒީން އޭނާގެ ޕޯސްޓް ނިންމާލަމުން ބުނެފައި ވަނީ އަހަރެންނަކީ ދިވެއްސެއް އަހަރެން މިހުރީ ފަލަސްތީނާއެކުގަ އެވެ.

އިސްރާއީލުން ފަލަސްތީންގެ ޣައްޒާ އަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނަމުން ދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް