ކައި ވަނީ ޖުމްލަ 6000 ދިދަ ހިލޭ އެމް7 މެދުވެރިކޮށް ބަހާފަ އެވެ. ފުރަތަމަ ކައި ބަހާފައިވަނީ 3000 ދިދަ އެވެ. ނަަމަވެސް އެ ދިދަތަށް ވަރަށް އަވަހަށް ހުސްވުމާ އެކުގައި ކައި ވަނީ އޭނާ އިތުރު 3000 ދިދަ ހިލޭ ބަހަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
އެމް7 ގެ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގައި ހުންނަ އިރު، އެ ތަންތަނަށް ދާ ކޮންމެ މީހަކަށް 10 ދިދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކައިޒީން ބުނީ މި ދިދަތައް އެ އައުޓްލެޓްތަކުން ދޭ އިރު، އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.
ކައިޒީން ބުނީ މިއީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް އެހީތެރިވާން ކުރާ ކަމެއް ކަމަށެވެ.
ކައިޒީން ވަނީ އިސްރާއީލުން، ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި ފަލަސްތީނާއެކު ތިބި ކަން ހާމަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ، ފަލަސްތީނުގެ އަހުންނާއި އުހްތުންނާ އެކު ވާކަން ހުރިހާ ދިވެހިން ވެސް ދައްކައި ދިނުމަށް އޭނާ ވަނީ ވަރަށް ބޮޑަށް އެދިފައެވެ.
ކައިޒީން އޭނާގެ ޕޯސްޓް ނިންމާލަމުން ބުނެފައި ވަނީ އަހަރެންނަކީ ދިވެއްސެއް އަހަރެން މިހުރީ ފަލަސްތީނާއެކުގަ އެވެ.
ކައިޒީންގެ މި އަމަލުން އޭނާއަށް އަންނަނީ ގިނަ ބަޔަކު ތައުރީފް ކުރަމުން ނެވެ. ފަލަސްދީނައްޓަކާ ކައި ވެދިން އެހީއަށް ގިނަ ބަޔަކު ހިޔުގެ އަޑިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަދި ރާއްޖޭގެ އެހެން ތަރިން ކައިޒީން ނަމޫނާއަކަށް ދެކެން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.