
ހަމާސްއިން ފުރަތަމަ އިޒްރޭލަށް ރޮކެޓް ހަމަލާތައް ދޭންފެށީވެސް އިޒްރޭލު ފުލުހުން އަގްސާ މިސްކިތަށް ދާ މީހުންނަށް އަނިޔާކޮށް ޓިއާގޭސް ޖަހައި މިސްކިތުގެ ހުރުމަތް ކަނޑާލައިި، ޔަހޫދީން ޝޭހް ޖައްރާހްގައި ދިރިއުޅޭ ފަލަސްތީނު އާއިލާތައް އެމީހުންގެ ގެއިން ނެރެމުން ދިއުމާ ގުޅިގެންނެވެ.
ހަމާސް އިން ވަނީ އެ ހަމަލާތައް ދިނުމުގެ ކުރިން އިޒްރޭލުން ކުރިއަށްގެންދާ ލާއިންސާނީ އަމަލުތައް ހުއްޓަން ސުންގަޑިއެއް ވެސް ދީފައެވެ. ނަމަވެސް އިޒްރޭލުން އެމީހުން ކުރަމުންދިޔަ ކަންތައް ނުހުއްޓުމުން ނަތީއްޖާއަކަށްވީ ހަމާސް އިން އެތައް ހާސް ރޮކެޓެއް އިޒްރޭލުގެ ސިޓީތަކަށް ފޮނުވާލުމެވެ.
11 ދުވަހަށް ފަހު ހަމަލާދިނުން ހުއްޓާލައިފައި ވަނިކޮށް އިޒްރޭލު ފުލުހުން އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމަކީ އަނެއްކާވެސް ހަމަނުޖެހުން އުފެއްދުމަށް އިޒްރޭލުން ހިންގި އަމަލެއް ގޮތުގައި ބެލެވެއެވެ.
އެގާރަ ދުވަސްވަންދެން ދިން ހަމަލާތަކުގައި، މިހާތަނަށް ފަލަސްތީނުގެ 232 މީހުން ޝަހީދުވެފަވާއިރު އޭގެތެރޭގައި 65 ކުޑަކުދިން ހިމެނެ އެވެ.
ހަމަލާތަކުގައި އިޒްރޭލުގެ 12 މީހުން މަރުވިއިރު އޭގެތެރޭގައި ހިމެނެނީ ދެ ކުޑަކުދިންނެވެ. އިޒްރާއީލުގެ ރަހުމެއް ނެތް ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ވަނީ ޒަހަމުވެ، އެތައް ބައެއްގެ ގެދޮރު ނެތި ގޮސް، މަގުމަތިވެފަ އެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ތެރޭގައި ދޭން ފެށި ހަމަލާތައް އީދު ދުވަހު ވެސް ކުރިއަށް ދިޔައެވެ. އެހެން އަހަރުތަކުގައި އެގައުމުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ އީދު ދުވަސް، މިއަހަރު ދިޔައީ ބިރުވެރި އަދި ހިތާމާވެރި ދުވަހެއްގެ ގޮތުގައެވެ.
ހަމަލާ ދިނުން ހުއްޓާލުމުން އެތައް ހާސް ބައެއް ވަނީ ގައްޒާގެ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށްފައެވެ.