ޝަމީމް މިހެން ވިދާޅުވީ އޭނާގެ ބްލޮގުގައި ޝާއިއުކުރެއްވި ލިޔުމެއްގައެވެ. އެ ލިޔުމުގައި ވަނީ ރާއްޖޭގައި އަމަލުކުރަމުން އައި ގާނޫނު އަސާސީ އިން މިހާރުގެ ފެހިގާނޫނު އަސާސީއަށް ބަދަލުވީ އިރު ކުށްތަކުގައި މީހުން ބަންދުކުރުމާއި ހައްޔަރުކުރުމަށް އައިސްފައިވާ ބަދަލުތަކެވެ.
ޝަމީމް އޭނާގެ ބްލޮގުގައި މިފަދަ ލިޔުމެއް ޝާއިއުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނުނެރެދިނުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި އީސަ ހައްޔަރުކުރުމަށް ގޮވާލައި ޕެޓިޝަނެއްވެސް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޕީޖީ ޝަމީމް އޭނާގެ ބްލޮގުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ އޭރު ރާއްޖޭގައި އަމަލުކުރަމުންދިޔަ ގޮތުންނަމަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. އެއަށްފަހު، ތަހުގީގުކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެމްބަރުންގެ ކޮމިޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް (ޖުމްލަ 23 ދުވަހަށް) ޖަހާކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އޭގެ ދުވަސްތަކެއް ފަހުން، ބަންދު މުއްދަތު ޖެހުމުގެ މަސައްކަތް ޖިނާއީ ކޯޓަށް ބަދަލު ކުރެއްވި ކަމަށެވެ. އަދި ބަންދު މީހާ ކޯޓަށް ހާޒިރުކޮށް، އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުސަރު ދޭންފެށީ އޭގެ މާ ފަހުން ކަމަށެވެ.
ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަންފެށި ފެހިގާނޫނުއަސާސީއަށްފަހު ހައްޔަރުކުރުމާބެހޭ ގާނޫނަށް އިންގިލާބެއް ގެނައިކަން ޝަމީމް ފާހަގަކުރެއްވިއެވެ. އެގޮތުން ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ބަންދު ނުކުރެވޭނެކަމަށް ކަނޑައެޅުނު ކަމަށާއި މީހަކު ހައްޔަރު ކުރުމާއެކު ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭނެކަމަށްވެސް ކަނޑައެޅުނުކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ކުރީގައި އޮތް ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި، 53 ދުވަހަށް ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ އަދުލުގެ ނިޒާމު މިހާރު ހިޖުރަކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކުރުން ހުއްދަ ސަބަބުތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ތަހުގީގުގެ ބޭނުމަށް މީހަކު ހައްޔަރުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.
ނަމަވެސް، ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަހުގީގު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭނެ ކަމަށް ކަން ޝަމީމް ފާހަގަކުރެއްވިއެވެ. އެއީ ތަހުގީގު ކުރަން ފަސޭހަވާނެ ކަމެއް ނަމަވެސް މިކަމުގެ ތާރީހީ ހަގީގަތް ހުރިގޮތުން، ގާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް ގާނޫނު ލިޔެފަ ކަމަށް ޝަމީމް އިތުރަށް ވިދާޅުވިއެވެ.