އައްޑޫ ފްލައިން ސްކޫލް މައްސަލައިގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން އައްޑޫސިޓީ ގަމުގައި ހިންގާ ފްލައިންގ ސްކޫލްގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި، ފުރިހަމަކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭގޮތެއްގައި ކުރިއަށްގެންދިއުމަށް ފްލައިން ސްކޫލުގެ މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންނުދާކަމަށް ވަނީ ބުނެފައި ވެއެވެ.
އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ މައްސަލަ ބެލުމަށްފަހު ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑި.ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މިމަހުގެ 23 އިން ފެށިގެން އަތުލުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.
ފްލައިން ސްކޫލްގެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ، އެ މަގާމުގައި ހުރުުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުންދީފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ހާމަކުރައްވާފައިމިވަނީ ފްލައިން ސްކޫލްގެ އިސް މަގާމެއްގައި ތިބި ދެފަރާތެއްގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުއްވުމަށް ރައީސް ސޯލިހް އަންގަވާފައިވަނިކޮށެވެ.
2001 ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.
ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލާގައި ސިވިލް އޭޝިއޭޝަންނުން ވެސް ވަނީ އޮޑިޓެއް ހަދާފައެވެ. މި އޮޑިޓުން ފާހަނގަވިކަންތައް އެ ސްކޫލާއި ހިއްސާކޮށް ބައެއް ކަންކަން ރަނގަޅު ކުރުމަށް ވެސް އަންގާފައިވެއެވެ.