ads
ރޮޒޭނާ - ފޮޓޯ: މަޖިލީސް
ކުދިންނަށް ބަދަލު ހޯދަދޭންޖެހޭނީ ސީދާ އޭއޭއޭގެ ފައިސާއިން: ރޮޒެއިނާ
އައްޑޫ ފްލައިން ސްކޫލް މައްސަލާގައި ކުދިންނަަށް ދޭންޖެހޭ ބަދަލު ހޯދަދޭން ޖެހޭނީ ސީދާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅު ވެއްޖެ އެވެ.
Advertisement

ރޮޒެއިނާ މިހެން ވިދާޅުވެފައިމިވަނީ، އައްޑޫ ފްލައިން ސްކޫލް މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބެލުމަށްފަހު ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑިސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން މިމަހުގެ 23 އިން ފެށިގެން އަތުލުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ދަނޑިވަޅެއްގައެވެ. 

ރޮޒެއިނާ ވިދާޅުވީ، އެކަމުގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ޒިންމާ ނަގަންޖެހޭނެ ކަމަށާއި ދަރިވަރުންނަށް ބަދަލު ހޯދަދޭންވެސް ޖެހޭނެ ކަމަށެވެ. 

“މިއީ ސަރުކާރުން ދައްކަންޖެހޭނެ ފައިސާއެެއް ނޫން. އެހެން ރައްޔިތުން މީގެ ޒިންމާ ނަގާކަށް ނުޖެހޭ، ކުދިންނަށް ބަދަލު ހޯދަދޭންޖެހޭނީ ސީދާ އޭއޭއޭގެ ފައިސާއިން” ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އެކަމުގައި އެޓާނީ ޖެނަރަލްގެ ލަފާވެސް ހޯދާނެ ކަމަށެވެ. 

އޭއޭއޭގެ ފަރާތުން އައްޑޫސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި، ފުރިހަމަކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިން ސްކޫލުގެ މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރަމުން ނުދާކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ މައްސަލަ ބެލުމަށްފަހު ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަަ އަތުލުމަށް ނިންމާފައިވާ ކަމަށާއި، އަދި ފްލައިން ސްކޫލްގެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ، އެ މަގާމުގައި ހުރުުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު ވެސް އެއޮތޯރިޓީން ލިޔުމުން ދީފައިވާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެފިޔަވަޅު އަޅަން ނިންމާފައިވަނީ ފްލައިން ސްކޫލްގެ އިސް މަގާމެއްގައި ތިބި ދެފަރާތެއްގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުއްވުމަށް ރައީސް ސޯލިހް އަންގަވާފައި ވަނިކޮށެވެ.

2001 ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކިކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނު ނަގައިގެން ކިޔަވާ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށްވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލާގައި ސިވިލް އޭޝިއޭޝަންނުން ވެސް ވަނީ އޮޑިޓެއް ހަދާފައެވެ. މި އޮޑިޓުން ފާހަގަވިކަންތައް އެ ސްކޫލާއި ހިއްސާކޮށް ބައެއް ކަންކަން ރަނގަޅު ކުރުމަށް ވެސް އަންގާފައިވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް