ads
ވީޑިއޯ ރިޕޯޓް-
ހިޔާ ފްލެޓް: އިބިލީހު ކައިވެންޏަށް!
ހިޔާ މަޝްރޫއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހުކޮށް 2018 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި 16 ޓަވަރުގެ 7،000 ފްލެޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫއެކެވެ. އެތަންތަން ނިމޭނެ ދުވަހަކަށް ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ. އެ އިންތިޒާރަށް ދެންމެ ދެންމެ ނިމުމެއް އަތުވެދާނެހެން ހީވިޔަސް އެ އެކަން ވެފައި ވަނީ އިބިލީހުގެ ކައިވެންޏަށެވެ. އަބަދު ވެސް އަންނަ މަހު ވަދެވޭނެ ކަމުގެ ވާހަކައެވެ. ނަމަވެސް "އަންނަ މަސް" ކިޔާ މަހެއް ކަލަންޑަރުގައި ނޯންނާތީ އެ ދުވަހެއް ދުވަހަކު ނާދެއެވެ.

ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށް ބުނާ އެތައް ތާރީހެއް ފަހަނައަޅައި ހިނގައްޖެއެވެ. ކުރީގެ ސަރުކާރުން އުންމީދުކުރަމުން އައީ ދެ ވަނަ ދައުރުގެ ފުރަތަމަ އަހަރު އެ ތަންތަން ނިމި ރައްޔިތުންނަށް ވަދެވޭ ވަރު ކުރެވޭނެ ކަމަށެވެ. މަސައްކަތް ދިޔައީ ވެސް ވަރަށް ހަލުވިކޮށެވެ. ސަރުކާރުން އޭރު ތާވަލްކޮށްފައި އޮތީ 2019 ވަނަ އަަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މީހުން ވެއްދުމަށެވެ. ނަސީބު ދިމާކުރި ގޮތުން ވެރިކަމުގެ ދެ ވަނަ ދައުރެއް ރައީސް ޔާމީނަށް ލިބިވަޑައިނުގެންނެވީއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު 25 ބުރީގެ 16 ޓަވަރު ހުރީ ކޮޅަށް ޖަހައި ބޭރުފުށުން ކުލަ ވެސް ލާފައެވެ. ވެރިކަމުގެ ފަހު ހަފުތާގެ ތެރޭގައި ވަނީ އެ ތަންތަން ލިބޭނެ ފަރާތްތައް ވެސް ކަނޑައަޅާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ވަގުތާ ޖެހެންދެން ވެސް ލިޔުންތައް ދޫކުރަމުން ގެންދިޔައެވެ. އެހެންކަމުން އެ ތަންތަން ލިބުނު މީހުން އުންމީދުކުރަމުން އައީ އާ ސަރުކާރުން ހުވާކުރުމާ އެކު އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ އެ ތަންތަނަށް މީހުން ވެއްދުން ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދައުރު ދެބައިވި އިރު ވެސް އަދިވެސް އެ މީހުން ތިބީ ހަމަ އެ އިންތިޒާރުގައެވެ.

އާ ސަރުކާރުން ވެރިކަމަށް އައިސް އަލުން ބަލުން ފޯމްތައް ބެލުމުގެ މަސައްކަތް ފެށިއެވެ. ސަރުކާރުން ވެސް ބުނަމުން އައި އެ މަސައްކަތް މާ ގިނަ ދުވަހެއް ނުވެ ނިމޭނެ ކަމަށެވެ. އަދި ބޭރުފުށުން ނިމިފައި ހުރި ޓަވަރުތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިންގެ މަސައްކަތްތައް ނިންމައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރު ވާނެ ކަމުގެ އުންމީދު މި ސަރުކާރުން ވެސް ދިނެވެ. ނަމަވެސް އެ ވާހަކަތަކާ މެދު ފުރަތަމަ ޝައްކު އުފެދެން ފެށީ އެއީ "ކޮތަރުކޮށިތަކެއް" ކަމަށް ސިފަކޮށް ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ދެއްކުމަށް ސަރުކާރުން މަސައްކަތް ފެށި ހިސާބުންނެވެ، ސަރުކާރުން ބުނަމުން އައީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ހެދުމަށް އެ ތަނުގެ ސްޓްރަކްޗާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފްލެޓްތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ފްލެޓްތައް ހަވާލުކުރާނީ ފިނިޝިންގެ މަސައްކަތްތައް ވެސް ނިންމާފައި ކަމަށެވެ.

ފްލެޓްތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރުގެ ޖުލައި މަހު ވިދާޅުވީ އެއީ އިންސާނުން އުޅެން ކަމުދާ ތަނެއް ނޫން ކަމަށާއި ކުރީގެ ސަރުކާރުން އެތަންތަން ކޮންޓްރެކްޓްކޮށްފައި ވަނީ ފިނިޝިންގެ މަސައްކަތް ވެސް ނުހިމަނައި ކަމަށެވެ. އަދި ފިނިޝިންގެ މަސައްކަތް ނުލައި ނަގާފައިވާ 437 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން، އިތުރު ލޯނެއް ނަގައިގެން  އެތަނުގެ މަސައްކަތްތައް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެ ކޮޓަރީގެ ބަދަލުގައި ތިން ކޮޓަރިއަށް އެތަން ބަދަލުކޮށް ލިފްޓްތައް އިތުރުކުރުން ފަދަ ބައެއް މަސައްކަތްތައް ކުރުމަށް ސަރުކާރުން ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހިސާބުން ފްލެޓް ހަވާލުކުރުން ވަރަށް ބޮޑުތަނުން ލަސްވެގެން ހިނގައިދާނެ ކަމަށް ބެލެވެން ފެށިއެވެ.

މަޝްރޫއާ ބެހޭ އެކަށީގެންވާ މައުލޫމާތު ނުލިބި އަދި ފޯމްތަކުގައި ހުރި މައްސަލަތައް ބަލައި ފްލެޓް ހައްގުވާ މީހުންގެ ލިސްޓް ހައެއްކަ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ބަލައިގެން ތިބި ނަމަވެސް އެ އިންތިޒާރު ވެސް ދިޔައީ ދިގުލައިގެންނެވެ. އެ އަހަރު ނިމި 2020 ވަނަ އަހަރުގެ މެދާ ހިސާބަށް ދިޔައިރު ވެސް ހިޔާ ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ތާރީހެއް ސަރުކާރަށް ސާފުކޮށްނުދެވުމުން ގިނަ ބަޔަކު ކުރަމުންދިޔަ ޝަކުވާތަކާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މަޖިލީހަށް ހާޒިރުކުރި އެވެ. 

ޖޫން މަހުގެ ތެރޭގައި މަޖިލީހުގައި މިނިސްޓަރު އާތިފާ ވިދާޅުވީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ މިނިސްޓަރަށް އޮޅުމަކުން ވިދާޅުވެވުނު އެއްޗެއް ކަމާއި ފްލެޓް ކޮމިޓީގެ މަސައްކަތް ނިމި ލިސްޓްތައް ފައިނަލްވިހާ އަވަހަކަށް ފްލެޓްތައް ހަވާލުކުރާނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުނެވެ. އަދި ބުނީ 2020 ވަނަ އަހަރުގެ ޖުލައި މަހު ލިސްޓްތައް އާންމުކޮށް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ. އޭގެ ކުރިން އެ މަޝްރޫއުގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފައި އޮތީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭނެ ކަމަށް އުންމީކުރެވޭ ކަމަށެވެ. ނަމަވެސް އެ ތާރީހު ވެސް އޭރު އޮތީ ފަހަނަ އަޅާ ގޮސްފައެވެ. އެކަން އެހެން އޮއްވައި ކޮވިޑްގެ ކަންކަން ކުރިމަތިވެ، މުޅި މަޝްރޫއު ނުނިމި ލަސްވުމުގެ ޒިންމާ އެންމެ ފަހުން ކޮވިޑްގެ ބޮލުގައި އެޅުނެވެ. އަދި މިހާރު ވެސް ލިސްޓްތަކުގެ ގުރުލުން ނުނިމި ވަނީ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ހުރެ ކަމަށް އެޗްޑީސީން އަންނަނީ ބުނަމުންނެވެ. ނަމަވެސް މީހުން ހާޒިރުކުރުމެއް ނެތި ހަމައެކަނި ޓީވީ އަށް ދައްކާލުމަށް ކުރާ ކަމަކަށް ކޮވީޑްގެ ސަބަބުން ހުރަސް އެޅިފައި އޮންނަންޖެހޭ ސަބަބެއް ނުވިސްނެއެވެ.

ހިޔާ މަޝްރޫއަށް ސަރުކާރުން ގެންނަން އުޅުނު ބަދަލުތައް ކާމިޔާބު ނުވެ އަދި ފިނިޝިންގެ މަސައްކަތް ކުރުމަށް ނަގަން އުޅުނު ލޯނު ވެސް ނުނެގި އެންމެ ފަހުން ސަރުކާރުން ނިންމީ ފްލެޓްގެ މައި ދޮރު ފިޔަވައި އެހެން އެއްވެސް ދޮރެއް ވެސް ނުހިމެނޭ ގޮތަށް އަދި ތަށިމުށި ވެސް ޖެހުމެއް ނެތި ފްލެޓްތައް އެ ހުރި ގޮތަށް ހަވާލުކުރުމަށެވެ. ދެން ގޮތެއް ނެތުމުން އެއީ ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި، އެ ތަންތަނަށް އުންމީދުކޮށްގެން ތިބި މީހުން އަނެއްކާ ވެސް އާ ތާރީހަކަށް އިންތިޒާރުކުރިއެވެ.

ހައުސްިން މިިނިސްޓްރީ އުވާލައި ޕްލޭނިން އާއި ހައުސިން އެއްކޮށްލުމަށ ފަހު އާ ވަޒީރަކު އާ މިނިސްޓްރީއާ ހަވާލުވެ ވަޑައިގެން އަނެއްކާ ވެސް ތާރީހުތަކެއް ދިނެވެ. މުހައްމަދު އަސްލަމް ވަޒީރުކަމަށް ވަޑައިގެން ވިދާޅުވީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ. ނަމަވެސް އެ ތާރީހު ފަހަނަ އަޅައި ދިޔައިރު ވެސް ލިސްޓްތައް ފައިނަލް ނުކުރެވިއެވެ. ލިސްޓްތައް ފައިނަލްކޮށް އާންމުކުރުމަށް ފަހު އެޗްޑީސީއާ ހަވާލުކުރުމުން ގިނަ ބަޔަކަށް ހީވެފައި އޮތީ މަހެއްހާ ދުވަހުގެ ތެރޭގައި ފްލެޓްތަކުގެ ގުރުލައި ތަޅުދަނޑި އަތަށް އަރާވަރުވާނެ ކަމަށެވެ. ނަމަވެސް މާޗް މަސް ނިމި އޭޕްރީލް މަހުގެ ތެރޭގައި ކިރިޔާ ގުރުލާން ފެށި މޭ މަސް ވެސް ނިމެނީއެވެ. ގިނަ ލިސްޓްތަކެއްގެ ގުރުލުން ނިމިފައިވާ އިރު އެޗްޑީސީން މިހާރު ވަނީ އަނެއްކާ ވެސް ތާރީހެއް ދީފައެވެ.

އެޗްޑީސީން ބުނެފައި ވަނީ އަންނަ މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ. އަނެއްކާ ވެސް އަންނަ މަހެކެވެ. ނަމަވެސް އަދިވެސް ބައެއް ލިސްޓްތަކުގެ ގުރުލުން ނުނިމޭ އިރު 6،720 ފަރާތާ އެކު އެގްރީމެންޓް ހެދުމަށް ވެސް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ. ދުވާލަކު 100 އެގްރީމަންޓްގައި ސޮއިކުރި ނަމަވެސް އެ މަސައްކަތް ނިންމަން ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާނެއެވެ. އެހެން ކަމަށް ވާ ނަމަ ޖޫން މަހުގެ ތެރޭގައި ވެސް އެ ތަންތަނަށް ވަދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.

ފްލެޓްތަކާ ބެހޭ ގޮތުން ސަރުކާރުން މިހާތަނަށް ދެއްކި މަދު ވާހަކައެއް ނޫނީ ދިމާވެފައެއް ނެތެވެ. ގިނަ ވާހަކަތައް ހުރީ މުޅިން ވެސް ދިމާ އިދިކޮޅަށެވެ. އެގޮތުން ކުއްޔާ ބެހޭ ގޮތުން ވެސް ސަރުކާރުން ވަނީ އޮޅުވާލާފައެވެ. އެ ތަންތަނުގެ މަހު ކުލި 11،000ރ. އަށް ވުރެ ބޮޑުވާނެ ކަމަށާއި ނަމަވެސް ސަރުކާރުން ސަބްސިޑީ ދީގެން 6،000ރ. އަށް ވުރެ ބޮޑުނުވާނެ ގޮތަކަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ސީދާ ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ. ނަމަވެސް މިނިސްޓަރު އަސްލަމް އެންމެ ފަހުން ވިދާޅުވެފައި ވަނީ ޑައުންޕޭމަންޓަކާ ނުލައި ކުއްޔަކީ 7،500ރ. ކަމަށެވެ. އެއީ މެއިންޓެނަންސް އަށް ނަގާ 1،000ރ. ހިމަނައިގެން ކަމެއް ނުވަތަ ނޫން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނުހިމަނާ ނަމަ އެ ފެންވަރުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 8،500ރ. އަކީ ބޮޑު އެއްޗެކެވެ. ޖުމްލަ އަގަށް ބަލާ ނަމަ 550 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 2.2 މިލިއަން ރުފިޔާއަކީ ބޮޑު އަގެކެވެ. މާކެޓްގައި 1،000 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 2.2 މިލިއަން ރުފިޔާ އަށް މިހާރު ލިބެން އެބަހުއްޓެވެ. އެހެންކަމުން ސޯޝަލް ހައުސިން ކަމަށް ބުނެ މިދިޔަ ސަރުކާރުން ފެށި މަޝްރޫއު މި ސަރުކާރުން ސެމީ ލަގްޒަރީ އެޕާޓްމަންޓެއްގެ އަގުގައި ވިއްކުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

ހިޔާ މަޝްރޫގެ މަސައްކަތްތައް ކުރިއަށް ދާގޮތާ މެދު ވެސް ސަރުކާރުން އެކަށީގެންވާ މައުލޫމާތެއް ފޯރުކޮށެއް ނުދެއެވެ. އަންނަ މަހު ފްލެޓްތައް ހަވާލުކުރަން ފަށާއިރު އެތަންތަނަށް ކަރަންޓް ފޯރުކޮށްދެވިދާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. އަދި އެހެނިހެން ހިދުމަތްތައް ވެސް ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ދާދި ފަހުން ވަނީ އެތަނުގެ މަސައްކަތަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ނަރުތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފެންމަތިވެފައެވެ. އަދި ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ  އާލާތްތައް ކޮވިޑްގެ ސަބަބުން ލިބުން ލަސްވެ އަންނަ މަހު ވެސް ކަރަންޓް ފޯރުކޮށްދެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެހެން ކަމަށްވާ ނަމަ ފްލެޓްތައް ހަވާލުކުރި ކަމުގައި ވިޔަސް ތަށިމުށި ޖެހުން ފަދަ ފިނިޝިންގެ މަސައްކަތްތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި އެ މަސައްކަތް ނިންމަން ސަރުކާރުން ދޭ ތިން މަހުގެ ތެރޭގައި ގިނަ ބަޔަކަށް އެކަން ކުރެވޭނެކަމާ މެދު ވެސް ޝައްކެވެ. އެހެން ވެއްޖެ ނަމަ އެ މަސައްކަތް ކުރިން ނިންމާފައި ބައެއް ފަރާތްތަކުން ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް ތަށިމުށި ޖެހުމާއި އެފަދަ އެތައް ކޮންސްޓްރަކްޝަންގެ މަސައްކަތްތައް އެތަނުގައި ކުރިއަށް ދާނެތީ މި އަހަރު ނިމެންދެން ވެސް އެތަން އޮންނާނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައެވެ. ތަށިމުށި ކަފާ އަޑާއި އަރާ ދުމުގެ ސަބަބުން އުޅެން ދަތިވާނެއެވެ. މާނައަކީ މި އަހަރު ނިމޭ އިރު ވެސް ހަމަޖެހިލައިގެން ބަޔަކަށް އެތަނަށް ބަދަލު ނުވެވޭނެ ކަމެވެ.

ފެން ފަދަ ބައެއް ހިދުމަތްތައް މިހާރު ލިބެން ހުރި ނަމަވެސް ކަރަންޓާއި ގޭހާއި މުއާސަލާތީ ހިދުމަތްތަކާއި އެ ނޫން ވެސް ހިދުމަތްތައް އެތަނުގައި ފުރިހަމަވާން އަދި ދުވަސްތަކެއް ނަގާނެއެވެ. ސަރުކާރުން ބުނާ ފަދައިން އަންނަ މަހު އެކަންކަން ނިންމިދާނެއެވެ. ނަމަވެސް އަންނަ މަހަކީ ކަލަންޑަރުގައި އޮންނަ މަހަކަށް ނުވާތީ އެ ދުވަސް އަވަހަކަށް އަންނާނެހެން ހިޔެއް ނުވެއެވެ. މި އަހަރު ނިމުމުގެ ކުރިން ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަަކަށް ދިރިއުޅެން ފެށިދާނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތެވެ. މިހާތަނަށް ދިން ތާރިހުތައް ވެފައި ވަނީ އިބިލީހު ކައިވެންޏަށެވެ. އެހެންކަމުން އަންނަ މަހުގެ ވާހަކައަކީ ވެސް އެފަދަ ވާހަކައެއް ކަމަށް ބެލެވެއެވެ.

20%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
72%
ވަރަށް ސަލާމް
ކޮމެންޓްސް