ގާޒީ އިސްމާއިލް އޭނާގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ބަޔާންކޮށް ޖޭއެސްސީގެ ރައީސް ހިސާން ހުސައިނަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުކަމުގެ މަގާމުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް އަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެންމެހައި ޤާނޫނުތަކާ އިސްލާމީޝަރީއަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމުގެ މައްޗަށް ކަމަށެވެ. އަދި އެއްވެސް ފަރުދަކަށް ގާނޫނުން ބޭރުން ނުޙައްގު ފައިދާއެއް ލިބޭނެހެން ނުވަތަ ނާއިންސާފުން އެއްވެސް ކަމެއްކޮށްފައި ނުވާއިރު، ހުރިހާ މައްސަލައެއްގައިވެސް ހަމަހަމަކަމުގެ އުސޫލުން އަމަލުކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އެ ސިޓީގައި ގާޒީ އިސްމާއިލް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގައި ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި ޖަވާބުދާރީ ވާނޭ ފުރުސަތެއް ނުދީ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ އިންސާފުން އެއްކިބާވެފައިވާ ޖޭއެސްސީގެ ސިޔާސީ ޒާތީ ނިންމުމެއް ކަމެއްކަން ފާހަގަކުރަމުން ގާޒީ އިސްމާއިލް ވިދާޅުވީ، ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އޭނާ ވަކިކުރަން ނިންމިއިރު، އެ ޕެންޑްރައިވްއަކީ އޭނާގެ ޕެންޑްރައިވެއް ނޫން ކަމަށެވެ.
ގައިރު ހާޒިރުގައި ހޯދާފައިވާ ޕެންޑްރައިވްއަކުން ފެންނަ ފައިލަކާމެދު އަޅުގަނޑު ޒިއްމާވުމަކީ ހަމަބުއްދި ގަބޫލުކުރާނެ ހަމައެއް ނޫނެވެ.
ކޮމިޝަނުން ތިޔަ ޕެންޑްރައިވެއް ހޯދީ ފަހެ ކޮންތާކުން ހެއްޔެވެ؟ ތިޔަ ކޮމިޝަނަށް ހުށަހެޅުނު އަޅުގަނޑުގެ ޝަކުވާއާ ގުޅުމެއް ނެތް
ޕެންޑްރައިވެއްގެ މައްސަލަ ތިލަވެގެން މިއުޅެނީ އަޅުގަނޑު މަޤާމުން ވަކިކުރާނެ އެހެން ސަބަބެއް ތިޔަ ކޮމިޝަނަށް ނުފެނުނީތީ ކަމުގައި ދެކެމެވެ.” ސިޓީގައި ވިދާޅުވެފައިވެއެވެ.
ގާޒީ އިސްމާއިލް ވިދާޅުވީ އަމިއްލަ ފަރުދަކުވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގާން ހުރި ފަރާތަކުންވެސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނޭކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިންގަނޑުން އެއްކިބާވެ، ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން މައްސަލައެއް ބެލުމަކީ، އެ ކޮމިޝަނުން ޤާނޫނުއަސާސީ ބޮލާލައި ޖަހާފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ. ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތްކަން އަސްލެއްނެތް ޕެންޑްރައިވްގެ
މައްސަލައިންވެސް ސާބިތުވާކަމަށް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް ކުރިން ކޮށްފައިހުރި ދައުވާތައް އަނބުރާ ގެންދިޔުމަށްފަހު މަނީލޯންޑްރިން ހިމެނޭ ގޮތަށް ހަތް ދައުވާއެއް އުފުލި ނަމަވެސް، ގާޒީ އިސްމާއިލް ރަޝީދު އެ ހަތް ދައުވާ ވެސް ބާތިލްކުރިއެެވެ.
ހަތް ދައުވާވެސް ބޭރުކޮށްލާ، އެ މައްސަލާގައި ދެން އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ގާޒީ އިސްމާއިލް ރަޝީދު ނެރުއްވި އެ އަމުރުގެ މައްސަލަ ޖޭއެސްސީއަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމު ހުށަހެޅުއްވުމުން ސުލޫކީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ބެލުމަށްފަހު، ޖޭއެސްސީން މިފަހުން ނެރުނު ބަޔާނުގައި ވަނީ އެ ހުކުމް ނެރުމުގަައި ގާޒީ އިސްމާއިލް ރަޝީދު އަމަލުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށްވާތީ އޭނާ މަގާމުން ވަކިިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމައްސަލަ ތަކުގައި ގާޒީ އިސްމާއީލް ރަޝީދު އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ފާޅުކަންބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށްކަމަށެވެ.
އަދި އެގަޒިއްޔާތަކާ ގުޅިގެން އިޖުރާއީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް 12 ޖުލައި 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު، 14 ޖުލައި 2020 ވަނަ ދުވަހު އެ ޤަޒިއްޔާތަކުގައި ހުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ހުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ހުކުމެއްކަން، ތަހުގީގަށް ހޯދުނު ޕެންޑްރައިވަކުން އެނގޭ ކަމަށް ބަޔާނުގަައި ބުނެފައިވެއެވެ.
ޕެންޑްރައިވްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ "އިޖުރާއީގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ޙުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކަކަށްވުމުން އެނގޭކަމާއި، 22 ފެބްރުއަރީ 2020 ވަނަ ދުވަހު ޕެންޑްރައިވްގައި ސޭވްކޮށްފައިވާ "އިޖުރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "ޓްރިޕް ފިނާލެ ވީ2” ކަމަށް ބުނެފައިވެެެއެވެ.
ޖޭއެސްސީން ބުނީ އެނަމަކީ އާންމުގޮތެއްގައި އެ ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވާކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށެވެ. އެނަމަކީ އެ ގަޒިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ހިލާފު ނަމެއްކަން ފާހަގަވާކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީން ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމުމާއިއެކު، ގާޒީ އިސްމާއިލް އިސްތިއުފާދެއްވާފައި މިވަނީ، އޭނާގެ މައްސަލަ ސްލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަން ފެށުމުން ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޝަންގައި ހުންނެވުމަށްފަހު އަލުން ވަޒީފައަށް ނިކުންނަވަމުންދިޔަ ދަނޑިވަޅެއްގައެވެ.