ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ އެހީތެރިކަން އަޅުގަނޑުމެންގެ ބޮލުގައި އެޅޭ މިންވަރުވެސް މާ ބޮޑެވެ. މާލީ ގޮތުން އެހީވެވެން ނެތަސް މިދަނޑިވަޅުގައި ތިމާފަދަ މުސްލިމު އެހެން އަހަކަށް ދެވެން އޮތް އެންމެ އަގުބޮޑު އެއްޗަކީ ހަމަގައިމުވެސް ހާލިސް ހިތަކުން ކޮށްދެވޭ “ދުއާ”އެވެ.
އެހެންނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ ބަލި މަޑުކަމުގެ މިދަނޑިވަޅުގައި މިކަން ދިމާ އިދިކޮޅަށް ދާ މަންޒަރު ފެންނަމުން ދިޔުމެވެ. އެކަކު އަނެކަކަށް ހިތްވަރުދީ ހެޔޮދުއާ ކުރުމުގެ ބަދަލުގައި އަަނެކާއަށްޓަކައި “ބަދު ދުއާ” ކުރުމަކީ އިންސާނެއްގެ ހައިސިއްޔަތުން ބެލިޔަސް، މުސްލިމެއްގެ ހައިސިއްޔަތުން ބެލިޔަސް ހިތާމަކުރަންޖެހޭ ކަންކަމެވެ.
ކޮވިޑްގެ ހާލަތުގޯސްވެ، މިމަހުގެ 24ވަނަ ދުވަަކީ ރާއްޖޭގެ މުޅި ކޮވިޑް ހާލަތުގައިވެސް ފެނުނު އެންމެ ހިތާމަވެރި މަންޒަރު ފެނުނު އެއް ދުވަހެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީއިން 24 ވަނަ ދުވަހުގެ އިރުއެރީންސުރެ އެކި ވަގުތު ތަކުގައި މަރުތައް ދިޔައީ އިއުލާން ކުރެެވެމުންނެެވެ. ރިކޯޑް އަދަދަކާއިއެކު އެދުވަހުގެ މެންދަމު 12 ޖެހުމާއި ހަމަޔަށް 13 މީހުންވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ.
މިއާއެކު ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ހިންގަމުންދިޔަ ކާފިއު ހަރުކަށިކޮށް 25 ވަނަ ދުވަހުން ފެށިގެން ހަވީރު 16:00 ފެށިގެން ހެނދުނު 8:00 އަށް ކާފިއުގެ ވަގުތު އިތުރު ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ. މިފަހަރުގެ ކާފިއު ތަފާތުވާގޮތަކީ ކާފިއުގެ ވަގުތުތަކުގެ އިތުރުންވެސް އެހެން ގަޑިތަކުގައިވެސް ބޭރަށް ނިކުމެވޭނީ ގެޔަކުން 2 މީހުންނަށް ހާއްސަ ފާހެއް ނަގައިގެން ކަމަށް ވުމުންނެވެ. ސީދާ “ލޮކްޑައުން” އެއް ސަރުކާރުން އިއުލާންނުކުރިނަމަވެސް މިއީ މުޅި މާލެ ސަރަހައްދު ބަންދުވުމެވެ.
މީގެ ކުރިން ލޮކްޑައުން ކުރާ ކަމަށް ނޫސްތަކުން ފެތުރި ހަބަރުތައް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ދޮގު ކުރިއެވެ. އެއަށްފަހު ލޮކްޑައުންގެ ނަން ނުލައި މާލެ ސަރަހައްދު ބަންދުވެގެން ދިޔުމާއިއެކު އޮންލައިން ނޫހަކުން ވަނީ ސީދާ މަބްރޫކްއަށް ނިސްބަތްވާގޮތައް “މަބްރޫކް އެވެ. މިފަހަރު މާލެ ތިކުރީ ފުރަބަންދު!” ނަމުގައި އާޓިކަލެއް ޝާއިއުކޮށްފައެވެ.
މި އާޓިކަލްގެ ކޮމެންޓް ސެކްޝަން އަށް ބަލައިލުމުން ފެންނަނީ އަޅުގަނޑު ކުރިން މިފާހަގަ ކުރިގޮތަށް މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި މުސްލިމް އަހުންތަކެއްގެ ކިބައިން ފެނިގެން ނުވާނެފަދަ މަންޒަރުތަކެކެވެ. ބަދުދުއާއެވެ. ނުރުހުމެވެ.
އާއެކެވެ. މިވަގުތަކީ އަހަރެމެން އެންމެންނަށްވެސް ދަތިވަގުތެކެވެ. ދުވާލެއްގެ މައްޗަށް ހާހުން މީހުން ބައްޔަށް ހުށަހެޅި ބަލީގައި އަހަރެމެން ފަދަ އަހުންތަކެއް މަރުވާތަން ދެކެން އެއްވެސް މީހެއްގެ ހިތަކަށް ކެތެއް ނުވާނެއެވެ. އަދި އެފަދަ އާއިލާތަކެއްގެ ހިތާމަތައް އަހަރެމެންނަށް ތައްސައްވަރު ވެސް ކޮށްނުލެވޭނެ އެވެ. ކަންތައްތައް ބޮއްސުންލައި ބަލިމަޑުކަމެއްގެ ތެރޭ އެތައް ދުވަހެއްވެ ހިތްދަތި މިދަނޑިވަޅުގައި ހިތުގައި އުފެދޭ ޝުއޫރުތައްވެސް ބައިވަރެވެ. އެހެންނަމަވެސް އެ ޖަޒުބާތުގައި ހިތަށް އާހާ އެއްޗެއް ދުލަށް އާހާ ގޮތަކަށް ބޭރުކޮށްލުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ.
ސަހީހުލް ބުހާރީގައި އިބްނު އައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވެއެވެ. މުޢާޛް ބިން ޖަބަލު ޔަމަނު ކަރައަށް ފޮނުއްވި ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (واتق دعوة المظلوم فإنه ليس بينه وبين الله حجاب) މާނައަކީ: “އަނިޔާ ލިބޭ މީހާގެ ބަދު ދުއާ އަށް ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަނިޔާ ލިބޭ މީހާ އާއި ﷲ އާއި ދެމެދުގައި ހުރަހެއް ނުވެއެވެ.”
މިއަދުގެ މިހާލަތައް ބަލާއިރު، އަހަރެމެން އެންމެންނަކީ ވެސް އަނިޔާ ލިބިފައިވާ، ލިބެމުންދާ މީހުންނެވެ. ވަކިމީހަކު އިސްތިސްނާއެއް ނުވެއެވެ. އޭނާވެސް އަދި އަހަރެމެންވެސް މިތިބީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައެވެ. ވޭނާއި ކެކުޅުން މިއަދު އިހުސާސް ނުކުރާ ފަރުދަކު ނުވެއެވެ. އެހެން އެކަން އޮތްއިރު މިހާލަތުގައި އަޅުގަނޑުމެން ދުލުން ބޭރުކުރާ ބަސްތަކާއިމެދު ވަރަށް ވިސްނަން ޖެހެއެވެ. މިވަގުތަކީ މީހަކަށް އަނިޔާ ލިބުމަަށް ނުވަތަ ދެރަގޮތެއް ވުމަށް އެކަކު އަނެކަކު ބަދުދުއާ ކޮށް ނަފުރަތު ވާންވީ ވަގުތެއް ނޫނެވެ.
އަހަރެމެންނަށް އޮތީ ކެތްތެރިވުމެވެ. މުސްލިމުންގެ ގޮތަކީވެސް އެއީއެވެ. އަދި ތިމާއަށް ލިބޭ ހެޔޮކަން އަނެކާއަށްވެސް އެދުމެވެ.
ސޫރަތުލް ބަޤަރާގެ 155 ވަނަ އާޔަތުގެ މާނައިގައި ވަނީ، "ހަމަކަށަވަރުން ތިމަން ރަސްކަނލާންގެ ތިޔަބައިމީހުން އިމްތިހާން ކުރައްވާ ހުށީމެވެ. އެއީ ބިރުވެރި ކަމާއި ބަނޑުހައި ހޫނު ކަމުގެ ތެރެއިން ކަމެއް ކުރިމަތި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ނަފްސުތަކާއި މޭވާތަކުން ބައެއް އުނި ކުރެއްވުމުންނެވެ" މިއެވެ.
މިއީ މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވި އިމްތިހާނެކެވެ. ހިތްވަރު ކުރަންވީ މި ސަބަބަށްްޓަކައެވެ. ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާއިރަށް އެކަކު އަނެކަކަށް ބަދުދުއާ ކުރުމުގެ ބަދަލުގައި ހެޔޮދުއާ ކުރާށެވެ. އެކަކު އަނެކަކަށް މިވަގުތު އެންމެ ބޭނުންވާ އެކައްޗަކީ އިހްލާސްތެރި ހިތަކުން ކުރާ ހެޔޮދުއާ އެވެ. އެންމެން އެކީ ސަލާމަތުގެ އައްސޭރިއަށް ދެވެން އޮތްގޮތަކީ މިއެވެެ.