ފްލައިން ސުކޫލު މިހާރު ހިންގަމުންދަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމުގައިވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަށުންނެވެ.
ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ފަޒީލު ވިދާޅުވީ ފްލައިން ސްކޫލުގައި މިހާރު ހުރި މައްސަލަތަކަށް ބަލައި އޭއޭއޭ އަށްވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ފްލައިން ސްކޫލު ރާއްޖޭގެ ކޮލެޖެއްގެ ދަށުން ހިންގުމަށް ބަދަލުކުރުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ ކޮލެޖަކާއެކު މީގެ ދެ ހަފްތާ ކުރިން ވާހަކަ ދައްކަން ފަށާފައިވާ ކަމަށާއި ނެގޯޝިއޭޝަންގެ ކަންތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް ފަޒީލު ވިދާޅުވިއެވެ. މަޝްވަރާގެ ކަންކަން ރަނގަޅަށް ގޮސްފިނަމަ ކައިރި މުސްތަގުބަލެއްގައި އެ ކޮލެޖުގެ މެނޭޖުމެންޓުން ދަރިވަރުންނާ ބައްދަލުކޮށް ކުދިންގެ ކަންކަން ކުރިޔަށް ގެންދާނޭގޮތް ދަރިވަރުންނާ ހިއްސާ ކުރާނެ ކަމަށް ފަޒީލު ވިދާޅުވިއެވެ.
މަޝްވަރާތައް ކުރެވެމުންދަނީ ފްލައިން ސުކޫލުގެ ހުރިހާ ޒިންމާއެއް ރާއްޖޭގެ ކޮލެޖަކުން ނަގާގޮތަށް ކަމަށާއި ރާއްޖޭގެ ކޮލެޖެއްގެ ދަށަށް ފުލައިންސުކޫލް ބަދަލުވުމާއެކު ކުދިންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުވެ ކުދިންނަށް ވަރަށް ބޮޑެތި ރަނގަޅުތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ފަޒީލު ވިދާޅުވިއެވެ.
މަޝްވަރާތައް ކުރިއަށް ދާތީ މިވަގުތު ކޮލެޖުގެ ނަން ހާމަކުރެވެން ނެތްކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާކުރަން ނިންމާފައިވަނީވެސް ކޮލެޖު ފައިނަލް ވުމުން ކަމަށް ވިދާޅުވިއެވެ. ފަޒީލް ވިދާޅުވީ ފްލައިން ސުކޫލު ރާއްޖޭގެ ކޮލެޖެއްގެ ދަށުން ހިންގުމަށް ބަދަލުކުރަން ސަރުކާރުން ދެކޮޅު ހަދާނެކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ފަޒީލު ވިދާޅުވިއެވެ.
ފަޒީލު ވިދާޅުވީ ފްލައިން ސުކޫލުގެ ހިންގުން ރާއްޖޭގެ ކޮލެޖަކަށް ބަދަލުކުރެވުމުން އައްޑޫއަށާއި ރާއްޖޭގެ މުޅިދެކުނަށް އެކަމުގެ ލާބަޔާއި މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި މިފަދަ ތަމްރީނުތަކެއް ދޭ ސުކޫލެއް ރާއްޖޭގައި ގާއިމްވެ އޮތުމަކީ މުޅިގައުމަށް ލިބޭނެ ފަހުރެއްކަމުގައި ދެކޭކަމަށްވެސް ފަޒީލް އިތުރަށް ވިދާޅުވިއެވެ.
އެހެންކަމުން އެދުމަކީ އަދި އާދޭހަކީވެސް ސަރުކާރުން، ފްލައިން ސުކޫލުގެ ކަންކަމާ ހަވާލުވާ ކޮލެޖަށް އެއްބާރުލުން ދެއްވައިގެން މި ސުކޫލް ހިންގުމަށް ދެވެން އޮތް އެއްބާރުލުމެއް ދިނުން ކަމަށް ފަޒީލު ވިދާޅުވިއެވެ.
އައްޑޫ ފްލައިން ސުކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނު ނަގައިގެން ކިޔަވާ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށްވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ. އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލާގައި ސިވިލް އޭޝިއޭޝަންނުން ވެސް ވަނީ އޮޑިޓެއް ހަދާފައެވެ.