ads
ފޮޓޯ: މިހާރު
އަލަށް ތައާރަފުކުރި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފި އެވެ.
Advertisement

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރުފު ކުރެއްވި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ.

މިއިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި، ނުވަތަ ހިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަކިން ފޯމު ހުށަހަޅައިގެންކަމަށާއި، އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ބުނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނީ، މިއަދުން ފެށިގެން 2021 އޮގަސްޓު 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން އިނާމަށް ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނާނީ، 2021 ޖުލައި 1 އިން ފެށިގެން 2021 އޮގަސްޓު 12 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާބެހޭ ކޮމިޓީން ބަލާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތައް ހިމެނެއެވެ. އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބައްލަވާނެއެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީން ކުރާނެއެވެ.

އިނާމު ދެއްވުމުގައި ކޮމިޓީން ބަލާނެ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އިނާމަށް ހުށަހެޅިފައިވާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުންވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އިއްޒަތް ދީފައިވާ މީހުންނާއި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ނުވަތަ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައިވާ މީހުންގެ ތެރެއިން، އެ މީހަކު އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މައިގަނޑު މަސައްކަތާ ގުޅިގެން އިނާމު ދީފައިވާ މީހުން މި އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެއެވެ. 

މިއިނާމު ދެއްވުމުގެ މައިގަނޑު މަގްސަދަކީ، ތެދުވެރިކަމާއި، އިހްލާސްތެރިކަމާއެކު ދައުލަތަށް ހިދުމަތްކޮށްފައިވާ ނުވަތަ މިހާރުވެސް ހިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން، އެ އިދާރާއެއްގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި، އެ އިދާރާއެއްގެ ކުރިއެރުމަށް ހާއްސަ މަސައްކަތެއް ކޮށްފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރެއްވުމެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް