ކޮމިޓީން މައްސަލަ ބެލުމުގައި މިހާރު ނޫހާއި އެނޫހުގެ ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ މައްސަލަ ނުވަތަ އެމައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ އެކަމާއި ކަންބޮޑުވާ ކަމަށްވެސް އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެެއެވެ.
އަދި ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައިވާ، ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި ހިޔާލު ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަމާއި، އަދި އެގޮތުން ޝާއިއުކުރާ މައުލޫމާތެއްގެ މަސްދަރު ސިއްރުކުރުމުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.
އެމްޖޭއޭއިން މިގޮތަށް ބަޔާނެއް ނެރެފައިމިވަނީ އޮންލައިން ނޫހެއްގައި ޝާއިއުކުރި ހަބަރަކާއި ގުޅިގެން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ބަލާނެ ކަމަށް ބުނުމުންނެވެ.
އަދި ކޮމިޓީން ބަލާނެ ކަމަށް ބުނި މައްސަލައިގެ ތެރޭގައި މީޑިއާއަކުން ހާމަކުރި މައުލޫމާތު ހިމެނޭތީ އެކަން ބަލަމުން އަންނަ ކަމަށްވެސް އެނޫސްބަޔާނުގައި ބުނފައިވެއެވެ. މީގެ އިތުރުން ކޮމިޓީން ބަލާ މައްސަލައިގެ ތެރޭގައި އެނޫހުގެ ނުވަތަ ނޫސްވެރިޔާގެ އެއްވެސް މައުލޫމާތެއް ހިމެނޭތޯ ސާފުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޖޭއޭއިން ބުނެ އެވެ.
މިހާރު ނޫހުގައި ކެނެރީގެއަށް ސެކިއުރިޓީ ނުދެވޭނެ ކަމާއި، ނުރައްކާ އޮތްކަން ނަޝީދަށް އެމްއެންޑީއެފްއިން އެންގި ކަމަށްބުނެ ޝާއިއުކުރި ރިޕޯޓާކާއެކު ރައްޔިތުން މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީން ވަނީ އެމައްސަލަ ބަލާނެ ކަމަށް ބުނެފައެވެ.