އަމިއްލަ ދަނޑުގައި ޗައިނާއިން މިއަދު ގުއާމް ކޮޅަށް ހަތް ލަނޑު ޖެހިއިރު، މި ދެ ޓީމު ގުއާމުގައި ކުޅުނު މެޗުންވެސް ޗައިނާ މޮޅުވެފައިވަނީ ހަތް ލަނޑު ސުން ލަނޑުންނެވެ. މިއަދުގެ މެޗާ އެކު ގުއާމުން ހަ މެޗު ހަމަ ކުރިއިރު އެ ޓީމު އޮތީ ޓޭބަލްގެ އެންމެ ފުލުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ކުޅުނު ހަ މެޗުންވެސް ބަލިވެގެންނެވެ. ގުއާމަށް ބާކީ ދެން އޮތީ ފިލިޕީންސް މެޗާ ސީރިއާ މެޗެވެ.
މިއަދު ގުއާމް އަތުން ހޯދި ތިން ޕޮއިންޓާ އެކު ޗައިނާ އޮތީ ފަސް މެޗުން ދިހަ ޕޮއިންޓާ އެކު ޓޭބަލްގެ ދެވަނައިގައެވެ. ގްރޫޕުގެ އެއްވަނަ މަގާމުގައި ފަސް މެޗުން ފަނަރަ ޕޮއިންޓް ހޯދައިގެން އޮތީ ސީރިއާއެވެ.
ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ ބާކީ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު އޮތީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެކަމަކު ޗައިނާއަށް ދިޔުމަށްޓަކައި ދުބާއީން ފުރުމުގެ ކުރިން ހެދި ކޮވިޑު ޓެސްޓުތަކުގައި ދިވެހި ބައެއް ކުޅުންތެރިން ޕޮޒިޓީވްވުމާ ގުޅިގެން ދިވެހި ޓީމު އަދި ތިބީ ދުބާއީގައެވެ. ޓީމުގެ ޕްލޭން އެފްއޭމުން އަދި ހާމައެއް ނުކުރެއެވެ.