ads
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް---
މޯލްޑިވިއަން އިން ފްލައިން ސްކޫލެއް ގާއިމުކުރަނީ
މޯލްޑިވިއަން އިން ފްލައިން ސުކޫލެއް ގާއިމުކުރަން ނިންމައި، އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލައިފިއެވެ.

މޯލްޑިވިއަން އިން ފްލައިން ސްކޫލެއް ގާއިމުރަން ނިންމާފައި މިވަނީ، ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮޓޮނިކްސް (އޭއޭއޭ) ގެ ދަށުން އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެ ސްކޫލުން ކިޔަވަމުންދާ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ދަށުން ފްލައިން ސްކޫލެއް ގާއިމުކުރަން ނިންމައި، އެތަން ހިންގާނެ ފަރާތެއް ހޯދުމަށް އާންމުކޮށް ހުޅުވާލާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެ ކުންފުނިން ބުނީ ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަކީ މާލީގޮތުން އެކަމަށް ގާބިލު ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ފްލައިން ސްކޫލެއް ހިންގުމުގެ ތަޖުރިބާ ހުރި ބަޔަކަށްވެސް ވާންޖެހޭނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ކުރަންޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައްޑޫ ފްލައިން ސުކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށް ކަންކަން އިސްލާހު ކުރުމަށް މީގެކުރިންވެސް ވަނީ އިތުރު ފުރުސަތެއް ދީފައެވެ. ނަމަވެސް މައްސަލަތައް ހައްލު ނުވެ ފްލައިން ސުކޫލުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން، އެ މައްސަލާގައި ގާނޫނީ ގޮތުން ދޭންޖެހޭ ލަފާ ބަންޑާރަނައިބް (އޭޖީ) އިބްރާހިމް ރިއްފަތު ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަރުވާފައެވެ. 

މޯލްޑިވިއަން އިން އާ ފްލައިން ސްކޫލެއް ގާއިމުކުރަން ނިންމާފައިވާއިރު. އައްޑޫ ފްލައިން ސްކޫލު އޭއޭއޭ ގެ އަތުން ނެގުމަށްފަހު ރާއްޖޭގެ ލޯކަލް ކޮލެޖެއްގެ ދަށުން ހިންގުމުގެ ފުރުސަތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލު ރަޝީދު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް