ads
ސަލަފް ގެ ރައީސް--- ފޮޓޯ:ވަގުތު
މުސްލިމަކު ކާފަރެއް ގޮތުގައި ސިފަ ނުކުރެވޭ ބިލާއެކު އިލްމުވެރިން ކަންބޮޑުވެއްޖެ
ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން މަނާކުރީ އެމްޑީއެން ފަދަ "ލާދީނީ" ފަރާތްތަކަށް ގާނޫނީ ބާރު ދިނުމަށް ކަމަށް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލު ހުށަހަޅާފައިވަނީ އިއްޔެއެވެ. 

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ މި ބިލަކީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ދީނީ އިލްމުވެރިންގެ އެއްވެސް މަޝްވަރާއެއް ލަފައެއްނެތި އެފަދަ ބިލެއް ގާނޫނަކަށް ހެދުމުގެ ބޭނުމަކީ "ލާދީނީ" އެމްޑީއެން ފަދަ ފަރާތްތަކަށް ގާނޫނީބާރުދިނުން ކަމަށެވެ. އަދި ދީނީ ހޭލުންތެރިކަމަށް ރާއްޖޭގައި އޮތް "ހަނި" މަގުވެސް އަލުން މަނާކުރުމުގެ ނުބައިރޭވުން ރޭވިގެން އަންނަ މަންޒަރު ފެންނަ ކަމަށް ވިދާޅުވިއެވެ އޭނާ ވަނީ އެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން އާއްމު އިޖްތިމާއީ މިންގަޑު ރައްކާކުރުމުގެ ގާނޫނުގައާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައި އެފަދަ ގިނަމައްސަލަތަކަށް އެކަށީގެންވާ އުސޫލުތައް ކަނޑައެޅިފައިވާކަން އަބްދުﷲ ބިން ޖަނާބު ފާހަގަކުރެއްވިއެވެ. އެ ގާނޫނު ތަންފީޒު ކުރުމުގެ ބަދަލުގައި މިހާރު ފެންނަމުންދަނީ "ލާދީނީ" ފަރާތްތަކަށް ގާނޫނީ ބާރު ދިނުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ސަލަފްގެ ރައީސްގެ އިތުރުން ކޮންމެ ގޮތަކަށް ގާނޫނު ފާސް ކުރި ނަމަވެސް ލާދީނީ މީހަކު އެއީ ދީނީ މީހަކަށް ނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވެސް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި އެޖަމިއްޔާއިން އިންސާނީ ހައްގުތަކުގެ ނަމުގައި ދީނާ ހިލާފް ފަލްސަފާ ފަތުރާފައިވާތީ، އެކަމާ އާންމުން ކަންބޮޑުވުން ފާޅުކުރުމުންނެވެ. ނަމަވެސް މިހާތަނަށް އެ ޖަމިއްޔާގެ ރިޕޯޓު އެކުލަވާލި އެއްވެސް މީހަކާމެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅައި ސަރުކާރުން ފޮނުވި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެވެ.

އަދި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް