ads
މިސްބާހް އާއްމުކުރި ވީޑިއޯގެ މަންޒަރެއް
މިސްބާހުގެ މައްސަލާގައި ދޮގެއް ނުހަދަން: ފުލުހުން
ބޭރުގެ ޑްރަގު ނެޓުވޯކެއްގައި ގެރެންޓާއެއް ގޮތަށް ހުރި ކަމަށް ފުލުހުން ބުނެ ފުލުހުން ހަދަނީ ދޮގުކަމަށް ބުނެ ހދ. ނޮޅިވަރަންފަރު، މޯނިންސަން، މިސްބާހް މުހައްމަދު އާއްމުކުރި ވީޑިއޯއަށް ފުލުހުން ރައްދިދީފި އެވެ.

ގެއްލިގެން ހޯދަމުންދިޔަ މިސްބާހު އާއި ބެހޭގޮތުން ފުލުހުން މިމަހުގެ ދެވަނަ ދުވަހު ނެރެފައިވާ ބަޔާނުގައި އޭނާ ހުރީ ޑްރަގުގެ ނެޓުވޯކެއްގައި ގެރެންޓަ އެއްގެ ގޮތަށް ކަމަށް ބުނެފައިވާތީ އެކަން ދޮގުކޮށް މިސްބާހު މިއަދު އާއްމުކުރި ވީޑިއޯއެއް ވަނީ ދައުރު ވެފައެވެ. 

އެ ވީޑިއޯގައި މިސްބާހު ވަރަށް ހަމަޖެހިލާގެން ހުރެ ބުނެފައިވަނީ، އޭނާއަކީ ޑްރަގުގެ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫންކަމަށާއި، ފުލުހުން ހަދަނީ ދޮގުކަމަށް ބުނެފައިވެއެވެ. 

" އަހަންނަކީ ޑްރަގު އެއްވެސް ނެޓުވޯކަކާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ، އަހަންނޭ ކިޔާގެން ފުލުހުން އެ ހަދަނީ ހުސްދޮގު" މިސްބާހުގެ މިވީޑިއޯގައި ބުނެފައިވެއެެވެ. 10 ސިކުންތުގެ މި ވީޑިއޯ ނަގާފައިވަނީ ރާއްޖޭގައި ކަމެއް ނުވަތަ ބޭރުގެ ގައުމެއްގައި ކަމެއް ވީޑިއޯއަކުން ސާފެއް ނުވެއެވެ.

މި ވީޑިއޯއާއި ގުޅިގެން ސީއެންއެމްއިން ފުލުހުންނާއި ސުވާލުކޮށްލުމުން ބުނެފައިވަނީ، މިސްބާހު ޑްރަގު ނެޓުވޯކަކާއި ގުޅުން އޮތްކަމަށް ފުލުހުން ބުނެފައިވާ ސަބަބު ވަރަށް ސާފުކޮށް މިމަހުގެ ދެވަނަ ދުވަހު އޭނާއާއި ގުޅިގެން ނެރުނު ބަޔާނުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.

" މިސްބާހު އާއި ބެހޭގޮތުން ނެރުނު ބަޔާނުގައި ވަރަށް ސާފުކޮށް ބުނެފައިވާނެ އޭނާ ޑްރަގުގެ ނެޓުވޯކެއްގައި ގެރެންޓަ އެއްގެ ގޮތަށް ހުރިކަމަށް ބެލެވޭ ސަބަބު އެހެންވީމަ ފުލުހުންގެ ސްޑޭންޑަކީ އަދިވެސް އެއީ" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ނިމިދިޔަ މޭމަހުގެ ތެރޭގައި ގެއްލިގެން ހޯދަމުންދިޔަ މިސްބާހުގެ ގުޅޭގޮތުން ފުލުހުން މިމަހުގެ ދެވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2020 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް މުހައްމަދު ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށާއި، އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާ އެކު  ކަމަށެވެ.  

އިރުފާން އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ. 

އޭގެފަހުން އިރުފާން 2020 ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވީ ނަމަވެސް، އިރުފާންއާއެކު މިސްބާހް އައިސްފަ ނުވާކަަމަށާއި މިސްބާހް 2020 ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށްވެެސް ބުނެފައިވެއެވެ.

"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ" ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އިރުފާން ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ.  

އިރުފާންގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި 2021 ފެބްރިއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 2021 ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން އާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް