އދގެ އާއްމު މަޖިލީހަކީ އދގެ ގުނަންތަކުގެ ތެރޭގައި ނުފޫޒު ގަދަ ބާރުވެރި ގުނަވަނެކެވެ. ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެންބަރުން ކަނޑައެޅުމާއި، އެހެން ގުނަވަންތަކަށް މެންބަރުން ކަނޑައަޅާނީ އާއްމު މަޖިލީހުންނެވެ. އަދި އދގެ ބަޖެޓު ކަނޑައެޅުމާއި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ މައްސަލަތަކާމެދު މަޝްވަރާކޮށް ރިކޮމެންޑޭޝަންތައް ހުށަހެޅުން ފަދަ ކިތަންމެ ބާރެއް އާއްމު މަޖިލީހަށް ލިބިގެންވެއެވެ.
ކުރިއަށް އޮތް 76 ވަނަ ދައުރުގައި މިހުރިހާ ކަމެއްގެ އެޖެންޑާ ކަނޑައެޅުމުގެ އެންމެ އިސްދައުރެއް އަދާކުރައްވާނީ ޖޫނިއަ ފޮރިން ސާވިސް އޮފިސަރެއްގެ މަގާމުން ފޮރިން ސާވިސްއަށް ނުކުންނެވި މިނިސްޓަރު ޝާހިދެވެ. އެހެންކަމުން މިއީ ރާއްޖެއަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެކެވެ. ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖެއިން އަޑު އުފުލަމުންދާ އެތައް ކަމަކަށް މުޅި ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށް ލިބޭނެ ފުރުސަތެކެވެ.
މީގެ ކުރިން އިންޑިއާއާއި، މެލޭޝިޔާއާއި، އިންޑޮނޭޝިޔާއާއި، ސްރީލަންކާއާއި، އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޭފުޅުން މި މަގާމު ފުރުއްވާފައިވެއެވެ. އޭގެތެރެއިން ބައެއް ބޭބޭފުޅުން ދެ ދައުރު ފުރިހަމަ ކުރައްވާފައިވެއެވެ. އދގެ އާއްމު މަޖިލީހުގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ގައުމުތަކުގެ ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ އެތައް ބޭފުޅުންނެއް އެބަތިއްބެވިއެވެ. އަދި އެ މަގާމާއެކު އެކީ ގައުމުތަކުގެ ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅުން ވެސް އެބަތިއްބެވިއެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދެއްވި އިންޓަވިއުތަކުގައި ޝާހިދު ވެސް ވަނީ ހާރިޖީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުމުގެ ވިސްނުން ނުގެންގުޅުއްވާކަން ހާމަ ކުރައްވާފައެވެ. ދެ މަގާމު އެއްފަހަރާ ފުރުއްވުމަށް ގާނޫނީ ގޮތުން ޝާހިދަށް ހުރަހެއް ވެސް ނެތެވެ.
ކުރިއަށް އޮތް ދައުރު އދގެ އާއްމު މަޖިލީހާއި، އެ މަޖިލީހުގެ ރިޔާސަތުން އަދާކުރާނެ ޒިންމާތަކާއެކު ޝާހިދަށް އެތައް ބައެއްގެ ލޯތައް އަމާޒުވާނެއެވެ. ޝާހިދަށާއި ރާއްޖެއަށް ލިބިގެންދާނެ ސަމާލުކަމާއެއް ވަރަށް ޝާހިދުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ މެދު ވިސްނާނުލާ ދޫކޮށްލުމަކީ ބުއްދިވެރިކަމަކަން ވެދާނެ ބާވަ އެވެ. ވަޒީރުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ ގައުމީ ދިފާއީ ބާރުތަކާއި މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. އެ ހައިސިއްޔަތުން ޝާހިދަށް މިހާރު ވެސް ދަނީ ސެކިއުރިޓީ ދެމުންނެވެ.
ހައްދުފަހަނަޅާފައިވާ ފިކުރުތަކުގެ އެތައް ބަޔަކު ރާއްޖޭގައި އުޅެމުންދާ ކަން އެއީ ސަލާމަތީ ހިދުމަތްތަކުން ވެސް ދެބަސްވާނެ ކަމެއް ނޫނެވެ. ހަރުކަށި ފިކުރުތަކާ ދެކޮޅަށް ބައިނަލް އަގުވާމީ މަސްރަހާއި ރާއްޖޭގައި ވެސް އެންމެ އަޑުގަދަ އެއްބޭފުޅަކީ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދާދި ފަހުން ވަނީ ނުރައްކާތެރި ބޮޑު ހަމަލާއެއް ދީފައެވެ.
ރާއްޖޭގައި ވެސް ނޭދެވޭ ކަންކަން ހިނގާފައިވާއިރު އެކި ގައުމުތަކުގައި އެފަދަ ކަންކަން ހިނގަ އެވެ. ނަތީޖާއަކަށް ވަނީ އދ.ގެ އިސް މަގާމުތައް ފުރުއްވާ ފަރާތްތަކަށް ވެސް އެ ފަދަ ކަންކަން އަމާޒުވަމުން ދިއުމެވެ. އެތައް ގައުމެއް ތަފްސީލުކޮށް، ހިންގާ އދ.ގެ އިސް މަގާމުތައް އަދާ ކުރައްވާ ބޭބޭފުޅުންނަށް އެ ފަދަ ނުރައްކާތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެހެންކަމުން އދ. ގައި ސަލާމަތީ ހާއްސަ ޕްރޮޓޯކޯލެއް އެ މަގާމަށް އަބަދުވެސް އޮވެއެވެ. އެއީ ކޮންމެ ބޭފުޅަކަށް ވިއަސް ތަފާތު ކުރުމެއް ނެތް ޒަމާންވީ ނިޒާމެކެވެ. ވަޒީފާގެ މަސްއޫލިއްޔަތުގައި އުޅުއްވާއިރު ހަށިފާރަވެރިންނާއި ސިއްރު ފުލުހުން ނުވަތަ ޖާސޫސުންގެ ސިއްރުވެރި ލޯތައް އެބޭފުޅަކަށް އަބަދުމެ ހުންނަނީ އަމާޒުވެފައެވެ. ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމުގެ ގޮތުންނެވެ.
ބައިނަލް އަގުވާމީ މަސްރަހަށް ބަލާއިރު އދގެ އާއްމު މަޖިލީހަކީ ވެސް ހައްދުފަހަނަޅާފައިވާ ފަރާތްތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ތަނެކެވެ. އެހެންކަމުން އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކަށް ވެސް އެފަދަ ނުރައްކަލެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މި ވަގުތު އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކަށް މިވަގުތު ހަމަޖެހިގެން ގޮސްފައިވަނީ މިނިސްޓަރު ޝާހިދު އެވެ. ހުރިހާ ދިމާލެއްގެ ލޯތައް ޝާހިދަށް ވެސް އަމާޒުވެގެން ހިނގައިދާނެ އެވެ. އެއްވެސް ކަމެއްް ނުވާނެކަމަށް ދޫކޮށްލައިގެން ތިބެވެން ނެތް އިރު އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ރައްކާތެރިކަމާ މެދު ވިސްނަން ޖެހޭނެ އެވެ.
އެހެންކަމުން މި ވަގުތު އެ ޒިންމާ ނަގަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ފެނެ އެވެ. އެހެން ނޫން ނަމަ އދ.ގެ އާންމު މަޖލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނީ އެ މަޖިލީހުގައި އޮންނަ އުސޫލުތަކުގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތަކަށެވެ. ރާއްޖެއަަކީ ވެސް އެ މަޖިލީހުގެ މެމްބަރަކަށްވާއިރު ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން އެމަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ރައްކާތެރިކަން ކަށަވަރުނުކޮށް ދޫކޮށްލެވިއްޖެ ނަމަ އެއީ ވެސް ގައުމަށް ލިބިދާނެ ދެރައަކަށް ވެދާނެ އެވެ.