ads
ފޮޓޯ--ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން
މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި މައްސަލަ ޑިސިޕްލިނަރީ ބޯޑަށް
ޖިންސީ ފުރައްސާރައާ ދެކޮޅަށް ރަސްފަންނު ސަރަހައްދުގައި ކުރިއަށްގެންދިޔަ ސުލުހަވެރި މުޒާހަރާގެ ތެރެއިން ހާލަތާއި ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި މައްސަލަ ޑިސިޕްލިނަރީ ބޯޑުން ބަލަން ފަށައިފިއެވެ

އޮފީސް މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައާ ދެކޮޅަށް "ރައިޒް އަޕް" މޫވްމެންޓްުން ރަސްފަންނު ސަރަހައްދުގައި ކުރިއަށްގެންދިޔަ ސުލުހަވެރި މުޒާހަރާގެ ބައިވެރިންނަށް ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާކޮށްފައިވާ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ފޮނުވާފައިވާކަން ހާމަކުރީ ގަލޮޅު ދެކުނު ދާއިރަގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، ހޯމް މިނިސްޓަރު އިމްރާނަށް ފޮނުވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިނިސްޓަރު އިމްރާނު މަޖިލީހަށް ފޮނުއްވި ސިޓީގައެވެ.

މީކާއީލް މިނިސްޓަރަށް ފޮނުއްވި ސުވާލުތަކުގައި ވަނީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާއިރު މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިފައިވާނަމަ އެ ފިޔަވަޅުތަކަކީ ކޮބައިތޯއެވެ. އަދި އެރޭ ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުން ސާވިސް ނަންބަރު ފެންނަ ގޮތައްތޯ، އާއި އެރޭގެ މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމާ ގުޅޭ އެކަށީގެންވާ ޓްރެއިނިން ލިބިފައިވާ ފުލުހުންތޯ މީކާއިލް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތުގެ މައްސަލައާ ގުޅޭ ތަހުގީގު ނިންމައި ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައާމެދު ގޮތް ނިންމިމުގެ މަރުހަލާ މިހާރު ހިނގަމުންދާ ކަމަށެވެ. އަދި އެއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނީފޯމު ހުރީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ސާވިސް ނަންބަރު ފެންނަގޮތަށް ކަމަށް މިިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެރޭގެ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމުގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން އަށް ފުލުހުންނަކީ ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަކޮށްފައިވާ ފުލުހުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ބާކީ ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކީ ޕަބްލިކް އޯޑާ ޓްރެއިނިން ހަދާފައި ނުވި ނަމަވެސް ޓީމު ލީޑު ކުރަމުން އަންނަތާ އަަހަރެއްހާ ދުވަސް ވެފައިވާ ފުލުހެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރިކްރޫޓް ޓްރެއިނިން ފުރިހަމަކޮށްފައި ނުވާ ފުލުހެއް ކަމަށް މިނިސްޓަރު ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެއްވުމަކީ މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ އެކި ކަހަލަ އަނިޔާތަކާއި، ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވުމާއި ގުޅިގެން އަޑުއުފުލުމުގެ ގޮތުން ބޭއްވި ސުލްހަވެރި އެއްވުމެކެވެ. އެ އެއްވުން ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބޭނުންކޮށް މޫނާ ވަރަށް ކައިރިން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހަށް އަމާޒުވިއެވެ.

އޮފީސް މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައާ ދެކޮޅަށް "ރައިޒް އަޕް" މޫވްމެންޓްގެ ފަރާތުން ރަސްފަންނު ސަރަހައްދުގައި ކުރިއަށްގެންދިޔަ ސުލުހަވެރި މުޒާހަރާގެ ބައިވެރިންނަށް ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް