ads
އަލީ ވަހީދު--
އޮންލައިންކޮށް ބާއްވަން އެދުމުން އަލީ ވަހީދުގެ ޝަރީއަތް ކެންސަލް
އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އަލީ ވަހީދު އެދުމުން، އަލީ ވަހީދުގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

އަލީ ވަހީދަށް އުފުލިފައިވަނީ ޖިންސީ ގޯނާގެ ދައުވާއެވެ.  

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން އެ އޮފީހަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކޮށްފައިވަނީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އެދުމުގެ އިތުރުން އަލީ ވަހީދުގެ ބައެެއް މެޑިކަލް ޑޮކިއުމެންޓްސް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

ނަމަވެސް އަލީ ވަހީދު ހުށަހެޅި ޑޮކިއުމެންޓްސް މިހާތަނަށް ޕީޖީއަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޖީން އިތުރަށް ވިދާޅުވީ ޝަރީއަތް އެހެން ދުވަހަކަށް ފަސްކުރުމުން އިތުރަށް ބަލަންޖެހޭ ކަން ކަން އެ އޮފީހުން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ބޭރަށްގޮސް ބޭސްފަރުވާ ކުރުމަށް އަލީ ވަހީދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 4 މަހުގެ މުއްދަތެކެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވަނީ އަޑުބަރޭ ޖާމިނު ކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ޖާމިނުވާ މީހާ އިޤްރާރާ ހިލާފުވެއްޖެނަމަ އެއް އަހަރަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށް ނުވަތަ ދެ އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމަށް ނުވަތަ 15،000 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމަށް ހުކުމް ކުރެވިދާނެ ކަމަށެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރެވުނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު މައްސަލައެއް ހުށައެޅުމުން އެކަމާއި ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް