ads
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓްކުރަން ފެށުން--
ބަލީގެ އަލާމާތެއް ނެތް ރަށްތައް ވެސް ކޮވިޑްގެ ޝިކާރައަށްވެފައި
ހުވަދު އަތޮޅުގެ މައި ދޮރާށި ކަމުގައިވާ ގދ. ތިނަދޫ އަށް ކޯވިޑް-19 ގެ ޖަރާސީމް އެތެރެވެ، ރަށު ތެރެއަށް ފެތުރުމާ އެކު ރަށުގެ ދޮރާށި ބަންދުކޮށް އެޕްރީލް 24 ގައި މޮނީޓަރިންނަށް ރަށް ލިއެވެ. އޭގެ ފަހުން ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ތިނަދޫ އަކީ މުޅި ހުވަދު އަތޮޅު އެއްފަސް ވެފައި ވާހެން އޮތް ރަށަކަށް ވުމުން ތިނަދޫ ގެ އީއޯސީން ދިޔައީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުންނެވެ. ހާއްސަކޮށް ރަށު ކައުންސިލުން ދިޔައީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެންމެ ފަހުން މިހާރު މިވަނީ ހަވީރު 4 ން ފަތިހު 4 އަށް ކާފިއު ވެސް ހިންގަން ފަހާފައެވެ. ނަމަވެސް ރަށުގެ ހާލަތަށް ބަދަލެއް ނާދެއެވެ. ތިނަދޫ އޮތީ ހަމަ "ލޮކް". ގައެވެ.

ތިނަދޫ ކޯވިޑް-19 ގެ ޝިކާރަ އަކަށްވެ އާއްމު ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުން ދާއިރު އަތޮޅުގެ ގައްދޫ ، ފަރެސްމާތޮޑާ އަދި ވާދޫ ވެސް ވަނީ ކޯވިޑް-19 ގެ ވަކި ތަކުން ގައިދު ވެފައެވެ. އެ ރަށް ރަށަށް އަރާ ފޭބުން ވެސް ވަނީ ތިނަދޫ އާ އެއްފަދައިން ހުއްޓުވާފައެވެ. އެހެންކަމުން އަތޮޅުގެ ބޮޑެތި ރަށްތައް މިވަނީ މި ބަލީގައި ގައިދުވެފަ އެވެ.

މިދެންނެވި ރަށް ތަކުގައި މިހާތަނަށް 394 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އިއްޔެގެ ތަފާސްހިސާބަށް ބަލާއިރު ވެސް 194 މީހުން މިވަގުތު ދަނީ ފަރުވާ ދެމުންނެވެ. ތިން މީހަކު ކޮވިޑް ފެސިލިޓީ ގައި ފަރުވާ ދެމުން ދާއިރު އެކަކު ވަނީ ބަލީގައި މަރު ވެފައެވެ.

ގދ އަތޮޅަށް ދިމާ ވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ބަލާއިރު ބަލީގެ އަލާމާތެއް ނެތް ފަސް ރަށް އެބައޮތެވެ. މަޑަވެލި، ހޯނޑެއްދޫ، ނަޑެއްލާ، ފިޔޯރީ އަދި ރަތަފަންދޫ އެވެ. މި އިން ރަށެއްގައި ކޮވިޑް-19 ނެތަސް އެރަށްތައް ވަނީ ކޮވިޑް-19 ގެ ދަލުގައި ނުޖެހި ކަމުގައި ދެންނެވޭކަން ނެތެވެ. މި ނުރައްކާތެރި ޖަރާސީމުގެ ވަކިތަކުގައި އެ ރައްޔިތުން ޝިކާރަ ނުވެޔޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ. އެ ފަސް ރަށުގައި ދިރިއުޅޭ 7700 އަށް ވުރެ ގިނަ ރައްޔިތުންގެ ޒަރޫރީ ހުރިހާ ބޭނުމެއްގައި ދާން ޖެހެނީ ތިނަދޫއަށެވެ. އެންމެ އާދައިގެ ކަންކަމުގައި ވެސް ތިނަދޫ އަށް ނުގޮސް ފަރުޖެހޭކަށް ނޯވެއެވެ.

ހޯނޑެއްދޫން ވާހަކަ ދެއްކި މީހަކު ބުނީ ތިނަދޫ އަށް މިއަދު ދިމާވެފައިވާ ކޯވިޑް-19 ގެ ހާލަތުން އެންމެ ބޮޑު ތަކުލީފެއް އުފުލާނެ ބަޔަކީ އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ކަމަށެވެ.

"ވަރަށް ބިރުން މި ތިބެނީ ތިނަދޫ އިތުރަށް ގޯސް ވެދާނެތީ  މި ތިބެނީ ވަރަށް ބިރުން. އެ ރަށަށް ނުދެވިގެން ޒަރޫރީ އެތައް ކަމެއް ނުވެ މި ތިބީ،" އެމީހާ ބުންޏެވެ.

އާބާދީގައި 1389 މީހުން ދިރިއުޅޭ ރަތަފަންދޫން ވާހަކަ ދެއްކި ޒައިމް ރިޔާޒް ކިޔާ މީހަކު ބުނީ އެ މީހުންގެ މުޅި އާބާދީގެ ކޮންމެ މީހަކު ވެސް މަދުވެގެން މަހަކު ދެތިން ފަހަރު ތިނަދޫ އަށް ދާން ޖެހޭ ކަމަށާ އެހާވެސް  މުހިންމު ކަން ބޮޑު ޒަރޫރީ ރަށަކަށް ތިނަދޫ ވާ ކަމަށެވެ.

"ތިނަދޫ އަށް ނުދެވުމަކީ ރަށަށް އައި ހުއްޓުމެއް. ހާއްސަ ކޮށް ބޭންކް ހިދުމަތް. ވިޔަފާރި. ޑޮކްޓަރަށް ދެއްކުން،" ޒައިމް ބުންޏެވެ.

ތިނަދޫ އާއި އެންމެ އަވައްޓެހި މަޑަވެލި ކައުންސިލްގެ ނާއިބު ރައީސާ ފަސީހާ ޝަފީގް ވިދާޅުވީ ތިނަދޫގައި ކޯވިޑް-19 ގެ ބަލި ފެތުރި އެ ރަށް ބަންދު ވެގެން ދިއުމާ މެދު ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ.

"އެއްވެސް ކަމެއް ނުވޭ، ރަށުގައި އޭޓީއެމް ނުހުރެ. ވިޔަފާރި ވެރިން މުދާ ގެންނަނީ ވެސް ތިނަދޫން. މިފަދަ ކިތަންމެ ކަމެއް ވަނީ އެއްކޮށް ހުއްޓިފައި. ވަރަށް ދަތި،" ފަސީހާ ވިދާޅުވިއެވެ.

ނަޑެއްލާ އަދި ފިޔޯރީ އިން  ވާހަކަ ދެއްކި އެންމެން ވެސް ބުނަމުން ދިޔައީ އެއް ވާހަކައެކެވެ. ކޮވިޑް-19 ގެ އަލާމާތްތައް ނެތި ބަލީގެ ޝިކާރަ އަކަށް ވެފައިވާ ވާހަކައެވެ. ތަކުލީފުތަކުގެ ވާހަކަ އެވެ. އެ އެންމެން ވެސް އެދެނީ  ތިނަދޫ އިން ކޮވިޑް 19 ޓެސްޓު ހެދޭ ގޮތްވެ މިކަމުން އަވަހަށް އަރައިގަނެވިގެން ދިއުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް