ads
ފީއަލި ސާމްޕަލް ނަގާ ޓީމް:ކޮވިޑުގައި ނަމޫނާ އަކަށް ބަލަން ޖެހޭ ފޮޓޯ:ފީއަލި ހެލްތް ސެންޓަރ
ފީއަލި: ކޮވިޑްގައި ނަމޫނާ އަކަށް ބަލަން ޖެހޭ
ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކުގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، މޮނިޓަރިންގެ ހާލަތަށް ގެންނަ ހުރިހާ ރަށްތަކުގައި އަންނަނީ ކާފިއު އިއުލާނުކުރަމުންނެވެ. މަދު ރަށެއްގައި ނޫނީ މިހާތަނަށް މުޅި ރަށް ފުރަބަންދުކޮށްފައި ނުވެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް މުޅި ރަށް ފުރަބަންދު ކުރި ރަށަކަށް ފ.ފީއަލި ވާނެއެވެ. އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ ފީއަލީގައި ކޮވިޑް ފެތުރި އެރަށު ކައުންސިލުން އެރަށް ފުރަބަންދު ކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ފުރަބަންދަށް ރަށް ދިޔައީ ޕޮޒިޓިވް 333 ކޭސް އާއެކުއެވެ. ނިސްބަތުން ބޮޑު އަދަދެކެވެ. އެހެންނަމަވެސް އެރަށުން މެނޭޖް ކުރިގޮތް ސަޅިއެވެ.  

ފީއަލި 24 ގަޑިއިރަށް ފުރަބަންދު ކުރުމަށް ކައުންސިލުން ނިންމި ނިންމުން ވެގެން ދިޔައީ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔަ ކަމަކަށެވެ. ނަމަވެސް ފީއަލި ކައުންސިލާއި އެރަށު ޓާސްކް ފޯސުން ވަނީ އެހެން ރަށްރަށަށް ނަމޫނާ ދައްކާފައެވެ. 

އެރަށް ފުރަބަންދު ކުރިތާ މިއަދަށް 11 ދުވަސް ވެގެންދިޔައިރު، ރަށު ރައްޔިތުންގެ އެންމެހާ ޒަރޫރީ ބޭނުންތައް ކޮށްދީފައިވަނީ ފީއަލި ކައުންސިލާއި، ޓާސްކު ފޯހާއި ސޯޝަލް ޑެސްކުގެ އިތުރުން ރަށުގެ އެހެނިހެން މުވައްސަސާތައް ގުޅިގެންނެވެ. އެގޮތުން ގެބިސީތަކުގައި އުފެދޭ ކުނިތައް އުކާލުމުގެ އިތުރުން ބޯޓުތަކުން ރަށަށް ގެނައި ވިޔަފާރި މުދާތަކާއި އާންމުންގެ މުދާ ވެސް ވެރިފަރާތާ ހަވާލުކޮށްފައިވަނީ މި ޓީމުން ގުޅިގެންނެވެ. ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިގެންނެވެ.

your imageފީއަލި ކައުންސިލުން ކުނި އުކާލަނީ ފޮޓޯ:ފީއަލި ކައުންސިލް

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ އެރަށުގައި ކައުންސިލުން އިއުލާނުކުރި ފުރަބަންދުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން ރަށުގައި ލޮކްޑައުން އިއުލާނުކުރެވުނު ފަހުން ރަށުގައި ބަލި މުޅިންހެން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މޫސާ ވިދާޅުވީ މިހާރު ރަށުގައި ބޮޑަށް ކުރިއަށްގެންދަނީ ކަރަންޓީނު ރިލީޒް ސާމްޕަލް ނެގުމާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިއްޔެ ނަތީޖާ ލިބުނު 80 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 9 މީހުން ކަމަށާއި އޭގެ ތެރެއިން 2 މީހުން ޕޮޒިޓިވްވީ ރެންޑަން ސާމްޕަލްއިން ކަން ފާހަގަކުރެއްވިއެވެ.

ފީއަލި ހެލްތް ސެންޓަރުގެ މެނޭޖަރު އިބްރާހިމް ނަސީމް ވިދާޅުވީ އިއްޔެ ވެސް ރެންޑަމް ސާމްޕަލް ހިމެނޭހެން 80 ސާމްޕަލެއް ނަގާފައިވާ ކަމަށާއި މި ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި އަމާޒަކީ މިއަދު ވެސް އިތުރު 100 ސާމްޕަލް ނެގުން ކަމަށް އޭނާ ވިދާޅުވިއެވެ.

މެއި މަހުގެ ދެވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެވުނު ފީއަލީ ފުރަބަންދަކަށް ގެނެވުނުއިރު އެރަށުން ޕޮޒިޓިވްވެފައިވަނީ 333 މީހުންނެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި އެރަށުން އިތުރަށް ޕޮޒިޓިވްވެފައިވަނީ 55 މީހުންނެވެ. ފުރަބަންދާއެކު އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ދަށްވެ، ޕޮޒިޓިވް ރޭޓް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އެހެން ކަމުން ފީއަލީ ރައްޔިތުން ދެއްކި ނަމޫނާ ބަލައިގަންނަން ޖެހެއެވެ. އެނަމޫނާގައި ހިފައި މުޅިރާއްޖެ ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް