ads
ވީޑިއޯ ރިޕޯޓް
މާލޭ ސިޓީ ކައުންސިލް "ހައްދުން" ނެއްޓުން!
ރާއްޖޭގައި ޒަމާނުއްސުރެއް އޮތް ވެރިކަންކުރާ ސަރަހައްދުގައި ތަރައްގީގެ ބޮޑެތި މަޝްރޫތައް ހިނގުމާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެރިކަން ކުރާ މާލެ އިސްކުރުމާއި، ވަޒީފާގެ ފުރުސަތުތަކާއި، އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ވެސް މާލެ ސަރަހައްދަށް ދީފައި އޮތް އިސްކަމުގެ ސަބަބުން ރާއްޖޭގެ އާބާދީ ގެ ބޮޑުބައެއް މިއަދު ދިރިއުޅެމުން އަންނަނީ ވެރިރަށް މާލެއާއި، މާލޭގެ ދެ އަވަށްކަމަށް ކަނޑައަޅާފައިވާ ވިލިމާލެ އަދި ހުޅުމާލޭގައެވެ.

ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރު މާލެ ސަރަހައްދުގައި އެއްލައްކަ ތިރީސްތިންހާސް ހަތަރުސަތޭކަ ބާރަ (133,412) މީހުން އާބާދުވެގެން އުޅުނެވެ. ނަމަވެސް 2020 ވަނަ އަހަރާއި ހަމައަށް ނެޝަނަލް ބިއުރޯ އޮފް ސްޓްޓިސްޓިކުން އަންދާޒާ ކުރާގޮތުން މާލެ ސަރަހައްދުގައި ދެ ލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ އައްޑިހަ ހަ މީހުން (227,486) އާބާދުވެގެން އުޅޭނެއެވެ. މިއަދަދުތައް މިއަހަރު ނިމޭއިރު މިއަށްވުރެ ވެސް އިތުރުވާނެއެވެ.

އެންމެފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ރައްޔިތުން ކުރި އެންމެ ބޮޑު އެއް ޝަކުވާއަކީ މާލެ ސަރަހައްދުގައި ވޯޓު ލާއިރު، އެއީ ކޮންރަށެއްގެ މީހެއްތޯ ނުބަލައި އެ ސަރަހައްދެއްގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގު ދިނުމެވެ.

އެމީހުންގެ ޝަކުވާއަކީ އެމީހުން މާލޭގައި ދިރިއުޅޭ ސަރަހައްދާއި ގުޅޭގޮތުން މާލޭ ސިޓީކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު އެމީހުންނަށް ކުރާނެކަމެވެ. އޭގެ ތެރޭގައި 20-30 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މާލެ ސަރަހައްދުގައި ދިރިއުޅުނު މީހުންގެ އެބަތިއްބެވެ.

އުސޫލެއްގެ ގޮތުން އިންސާނީ ހައްގުތަކާއި، ރައްޔިތުންނަށް ހަގީގަތުގައި ވެސް އަޅާލާ ބަޔަކު ކެންޑިޑޭޓުންގެ ތެރޭގައި ވެސް ތިބި ނަމަ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މި އުދާސްތަކަށް އަޅާލީހެވެ. އެހެން ނަމަވެސް ކުރިމަތިލީ ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނާއި، ދައުލަތުގެ މުއައްސަސާތަކުން ދިނީ ބީރު ކަންފަތެކެވެ.

މާލޭގައި ކުއްޔަށް އުޅެނީ އެހެން ރަށްރަށުގެ ރައްޔިތުން އެކަންޏެއް ނޫނެވެ. ތޮއްޖެހުން ފަދަ އެކި އެކި ސަބަބުތަކުގެ ސަބަބުން މާލޭ އެތައް ރައްޔިތުންނެއް ވެސް ކުއްޔަށް އުޅެއެވެ. ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ކުއްޔަށް ލުއިތަކެއް ހޯދުމަށް ރައްޔިތުން އެދުނުއިރު، އެކަމަށް ސިޓީ ކައުންސިލަކުން މަސައްކަތްކުރާ ތަނެއް ނުފެނެއެވެ.

ކަންދިމާކުރި ގޮތުން މާލެސިޓީކައުންސިލްގެ ގިނަ ގޮނޑިތައް އެންމެ ފަހުން ބޭއްވި އިންތިހާބުގައި ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމުންނެވެ. އެގޮތުން ޕީޕީއެމް 13 އެމްޑީޕީ 6  ގޮނޑި ކާމިޔާބު ކުރިއެވެ. މޭޔަރުކަން ވެސް ކާމިޔާބު ކުރީ އިދިކޮޅު މައި ޕާޓީންނެވެ. ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ނަތީޖާއާއެކު ދެން ފެންނަން ފެށި މަންޒަރަކީ މާލެ ސިޓީކައުންސިލްގައި ޕީޕީއެމްގެ މެމްބަރުން "ބަގުޑި ބެއްދެވި" މަންޒަރެވެ.

މާލެ ސިޓީ ކައުންސިލްއަކީ އަލި މަހަކަށް މިއަދު ޕީޕީއެމްގެ މެމްބަރުންނަށް ވެފައިވާއިރު، ސުވާލަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުން ފެށިގެން ގޮސް، އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމާއި ހަމައަށް މަޖިލީހާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ސިޓީކައުންސިލްގެ ބާރުތައް ކަނޑުވާލާއި، އެ ކައުންސިލް އަނަރޫފަ ކޮށްލި އިރު، އެ ބާރުތައް ބައްކުރައްވަން އޭރު ހުންނެވީ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުކަމެވެ. އެގޮތުން މާލެ ސިޓީ ރައްޔިތުންގެ ވޯޓުން މާލެ ސިޓީ ކައުންސިލް އޭރުގެ އިދިކޮޅު އެމްޑީޕީއަށް ދީފައި އޮތްއިރު އެ ކައުންސިލްގެ ބާރު ކަނޑުވާލަން ފާއިތުވި ހަތް އަހަރު ދުވަހު  މަސައްކަތް ކުރިއިރު މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ހައްގުތައް އަދި އެ ރައްޔިތުންގެ އުންމީދުތައް އޮތީ ކޮންތާކު ތޯއެވެ؟

" ރައީސް ވިދާޅުވީ، ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ، ސަރުކާރުގެ އާދައަކަށް ހަދާފައި ކަމަށާއި، ވަކިން ހާއްސަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި ކަމަށެވެ. އެހެނަސް، މިއަދު ރާއްޖެ މިހާރު އޮތީ އެ ހާލަތަކު ނޫން ކަމަށާއި، މިއަދު މިއޮތީ ރައްޔިތުންގެ ސަރުކާރެއް. މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް،"  ޑިސެންޓްރަލައިޒޭޝަން ޕޮލިސީ ކޯރޑިނޭޝަން ކޮންފަރެންސްގައި ރައީސް ސޯލިހު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ. 

ރައީސް ސޯލިހު ވެސް ވިދާޅުވި ފަދައިން، ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން ސަރުކާރުގެ އާދައަކަށް ހަދާފައި އޮތްއިރު ވަކިން ހާއްސަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި އިރު ވެސް މިހާރު ސިޓީ ކައުންސިލްގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ތިއްބެވީ އަތްޖަހާށެވެ.

ލާމަރުކަޒީ ގާނޫނެއް ގެނެސް، ބަޖެޓާއި، ބިމާއި، އެހެނިހެން އިހްތިސާސްތަކުގެ ބާރު ކައުންސިލްތަކަށް ދިނީ އެމްޑީޕީގެ ސުޕަ މެޖޯރިޓޯ އޮންނަ މަޖިލީހަށް އެމްޑީޕީގެ ސަރުކާރަކުން ހުށަހަޅައިގެންނެވެ. ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީ އަށް މަޖިލީހުގައި ބާރު އޮތްއިރު ފެނުނީ ކައުންސިލްތަކާއި ލާމަރުކަޒީ ނިޒާމް ފުޑާލުމަށް ގާނޫނުތަކަށް އިސްލާހު ގެނައިތަނެވެ. ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް އަކީ ފާޅުގައި މާލެ ސަރަހައްދު ތަރައްގީކުރެއްވުމަށް ބާރުއެޅުއްވި ބޭފުޅެވެ.

ދެން އޮތް ސުވާލަކީ އަތުރާލެވިފައިވާ ޒަމާނީ ޑިމޮކްރަޓިކް ނިޒާމެއްގައި ގާނޫނު ހެދުމާއި، ގާނޫނަށް ބަދަލު ގެނައުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއެވެ. އެއްވެސް ހާލަތެއްގައި ގާނޫނު ހެދުމާއި، ގާނޫނުތަކަށް ބަދަލުގެނައުމުގެ ބާރު ސިޓީކައުންސިލަކަށް ނޯވެއެވެ.

ދެން އޮތީ މާލޭ ރައްޔިތުން އެދޭ ގޮތުގެ ވާހަކައެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއިން ވޯޓުލެވޭ މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ އެންމެ 22 ޕަސެންޓު މީހުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިހާބު ނަމަވެސް، މިއީ މާލެއިން މިހާ މަދު އަދަދެއްގެ މީހުން ނުކުމެ ވޯޓު ލީ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެމްޑީޕީގެ 65 މެންބަރުންނަކީ 96,354 ވޯޓާއެކު މުޅި އިންތިހާބުގެ  45ޕަސަންޓު ކާމިޔާބު ކުރައްވައިގެން މަޖިލީހުގައި ތިއްބެވި މެންބަރުންނެވެ.

ދެންއޮތީ މަލޭ ސިޓީކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ 13 މެންބަރުން ގެ އަގުލަބިއްޔަތުން މާލެ ސިޓީގެ މަޖިލިސް މެންބަރުންނަށް ނަފުރަތު އުފެއްދުން މަނާކުރާ ބިލު ފާސް ނުކުރުމަށް އެދުމަށް ނިންމި އިރު މާލޭ ރައްޔިތުންގެ ހިޔާލު ހޯދަން ޕޯލް އެއް ނުވަތަ ހިޔާލު ހޯދުމަށް ވޯޓެއްވެސް ނާހައެެވެ. މިހެންކަމުން އެއީ މާލޭ ސިޓީގެ ރައްޔިތުންގެ އެދުންކަމަށް ސިޓީކައުންސިލުން އެބުނަނީ ކޮން އުސޫލަކުންތޯއެވެ؟ ވީއިރު މިހާ ބޮޑު ނިންމުމެއް މާލެ ރައްޔިތުންގެ ބޮލުގައި އަޅުވައި ނިންމުމުން، އެ ނެނގޭ އެއްކަމަކީ މާލޭ ސިޓީކައުންސިލުގައި އަސުރުމާ ކުލަ ޖެހި ހައްދުން ނައްޓައިފިކަމެވެ.

54%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް