އެ ދަރިކަނބަލުންގެ ނަން ހާއްސަކޮށްފައިވަނީ ހެރީގެ މާމާފުޅު، އިގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އާއި ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ އަށެވެ.
އެގޮތުން މެގަން އަދި ހެރީގެ ދެ ވަނަ ދަރިކަނބަލުގެ ނަމަކީ ލިލިބެޓް ޑަޔާނާ މައުންޓްބަޓެން ވިންޑްސޯ އެވެ.
ވަރަށް ފަހުން މެގަންގެ ބައްޕާފުޅު ތޯމަސް މާކަލް “60 މިނަޓަސް އޮން އޮސްޓްރޭލިއާ”އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކާފަ ދަރިކަނބަލުން ލިލިބެޓް އުފަންވިކަން އެނގުނީ ހަބަރުތަކުން ކަމަށާއި އެ ހަބަރުދިނުމަށް މިހާތަނަށްވެސް މެގަން އަދި ހެރީ ވެސް ގުޅާލާފައިވެސް ނުވާ ކަމަށެވެ. މާކަލް ވިދާޅުވީ ހަބަރުތަކުން އިވުމަށްވުރެ، ކާފަ ދަރިއެއް އުފަންވި ވާހަކަ އަހަން ހިތްހަމަ ޖެހޭނީ ދަރިންގެ ދުލުން ކަމަށެވެ.
މެގަން 2018 ވަނަ އަހަރު ހެރީއާއި ކައިވެނިފުޅު ބައްލަވައިގަންނަން ތައްޔާރުވެފައިވަނިކޮށް ބައްޕާފުޅު މާކަލް އާއި ޖެހުނު ކުންޏެއްގައި އެފަހަރު މެގަންގެ ކައިވެންޏަށްވެސް ބައްޕާފުޅަށް ދައުވަތު ނުދެއްވާ ކަމަށްވެއެވެ. އަދި އޭގެފަހުން މެގަން ބައްޕާފުޅާއި ވާހަކަ ނުދައްކަވާކަމަށް ބައްޕާފުޅު މާކަލް ވިދާޅުވެއެވެ.
ޕްރިންސް ހެރީ އާއި މެގަންގެ ދަރިކަނބަލުން ލިލިބެޓް ޑަޔާނާއަށް ލޯބިން ވިދާޅުވާނީ ލިލީ އެވެ. ލިލީ އުފަންވެފައިވަނީ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައެވެ. މި ދަރިކަނބަލުން ވާނީ ރާނީ އެލިޒަބަތުގެ 11 ވަނަ މުނިމާމަ ދަރިކަބަލުންނަށެވެ. އަދި އިނގިރޭސި ތަހުތަށް އޮތް ތަރުތީބަށް ބަލާ ނަމަ ނުވަ ވަނަ އަށް ހުންނެވި ބޭފުޅާ އަށެވެ.
ޝާހީ އާއިލާއާ ހިޔާލު ތަފާތުވުންތަކެއް އުފެދި ޝާހީ ޒިންމާތައް ދޫކޮށްލައްވައި ހެރީ އާއި މެގަން ވަނީ އެމެރިކާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައެވެ.