ކައުންސިލް ހައުސިން ޔުނިޓްތަކަކީ އާއްމުދަނީގެ ގޮތުން ކުޑަ އާއްމުދަނީއެއް ލިބޭ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން އެންމެ ކުޑަކުއްޔެއް ކަނޑައަޅާ ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ ތެރެއިން ދޫކުރާ ހައުސިން ޔުނިޓްތަކެެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެ ހައުސިން ޔުނިޓްތަކުގެ އަގުތައް ހާމަކުރައްވަމުން ވިދާޅުވީ، ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ދަށުން ނުވަ ޓަވަރެއް ހިމެނޭއިރު، ކައުސިލް ހައުސިން ޔުނިޓްގެ ގޮތުގައި 120 ހައުސިން ޔުނިޓް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 60 ޔުނިޓް އާއި ތިން ކޮޓަރީގެ 60 ޔުނިޓް ހިމެނޭއިރު، ދެކޮޓަރީގެ 60 ޔުނިޓް ނިމޭއިރު އެތަންތަނުގެ ކުލި ހުންނާނީ 5،500ގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ތިން ކޮޓަރީގެ 60 ޔުނިޓް ނިމޭއިރު ކުލީގެ އަގަކީ 7،000 ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްގީކުރުމަށް ނިންމާފައިވާ 1،000 ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން ޔުނިޓާއި، އެފޯޑަބަލް ހައުސިން، އަދި މިޑް ޓު ހައި ރޭންޖު ހައުސިން ޔުނިޓްތަކެކެވެ. އެ މަޝްރޫއުގެ މަަސައްކަތްތައް އަމަލީ ގޮތުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ޔުނިޓްތަކުގެ ބިންގާ އަޅާފައެވެ.
އެ މަޝްރޫއުގެ ދަށުން ކައުންސިލް ހައުސިންގެ 120 ޔުނިޓް އާއި އެފޯޑަބުލް ހައުސިން ޔުނިޓްގެ 220 އަދި މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއުއަކީ 2020ވަނަ އަހަރުގެ ނޮވެމްބަރު 20ވަނަ ދުވަހު އެޗްޑީސީއާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ސޮއިކުރެވުނު މަޝްރޫއުއެކެވެ. މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުއަކީ ދިވެހި އަމިއްލަ ކުންފުންޏަކުން މިހާތަނަށް ހިންގާ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއެވެ.