ads
ސާމްޕަލް ނަގަނީ
އޮމާން އިން "ބްލެކް ފަންގަސް" ފެނިއްޖެ
އިންޑިއާއިން މިދުވަސްކޮޅު އާދަޔާ ހިލާފަށް ގިނައިން ފެންނަމުން އަންނަ މީކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް އޮމާންއިން ވެސް ފެނިއްޖެއެވެ.
Advertisement

އޮމާންގެ ޑޮކްޓަރުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި މިހާތަށް އޮމާންއިން ބްލެކް ފަންގަސްގެ ތިން ކޭސް ފެނިފައިވާކަން އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އަންގާރަ ދުވަހު އޮމާންގެ ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް ޖެހުނު ތިން މީހެއްގެ ގައިން އިންޑިއާއިން ފެތުރެމުން އަންނަ ބްލެކް ފަންގަސް ފެނިފައިވާކަމަށެވެ.

މިހާރު މަދުން ފެނުނު ނަމަވެސް އެގައުމުގެ އިދާރާތަކުން އަންނަނީ ބްލެކް ފަންގަސްގެ އިތުރު ކޭސްތަކެއް ފެނިއްޖެ ނަމަ ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތައް ބުރޫ އަރާފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

ބްލެކް ފަންގަސްގެ ކޭސްތަކެއް އޮމާން އިން ފެނިފައި މިވަނީ އެގައުމަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރައި ހޮސްޕިޓަލްތައް ފުރިފައިވާ ދަނޑިވަޅެކެވެ.

އޮމާންގެ އޮފިޝަލުން ވަނީ ކޮވިޑް-19ގެ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެއް އަގުމުގެ އުޅޭ ވަގުތެއްގައި މިހަފްތާ ކުރީކޮޅު ދެވުނު ލުއިތަކުގެ ސަބަބުން މިހާރުވެސް އެނދުގެ ދަތިކަން އޮތް އޮމާންގެ ހޮސްޕިޓަލްތައް ފުރި ސިއްހީ ނިޒާމް ބޮއްސުންލާފާނެ ކަމުގެ އިންޒާރު ދީފައެވެ.

މިހާތަނަށް އޮމާން އިން 238،500 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2،565 އަށް އަރާފައެވެ. 

މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް އަކީ މިއުކޯމައިސައިޓް ނަމަކަށް ކިޔާ ފަންގަސް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ފަންގަސް އަކީ ވެއްޔާއި، ވައިގެ ތެރޭގައި އަދި ބައެއް ކަހަލަ ކާއެއްޗެހިން ފެންނަ ފަންގަސްއެކެވެ. މި ފަންގަސްގެ ސަބަބުން ގުނަވަން ތަކަށް ގެއްލުން ލިބިގެން ދާއިރު، މި ފަންގަސް ހަށިގަނޑު ތެރެއަށް ވަދެގެންދަނީ ނޭފަތުންނާއި، އަނގައިން އަދި ލޮލުންނެވެ. އިންފެކްޝަނުގެ ސަބަބުން ސިކުނޑިއަށް އަސަރު ކުރާއިރު، އިންފެކްޝަން ދެނެނުގަނެވި ނުވަތަ ފަރުވާ ނުކުރެވި ގިނަ ދުވަސް ވާނަމަ ނުރައްކާ ބޮޑުވެ، ފުރާނައަށް ގެއްލުން ވެއެވެ. 

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ބޮލުގައި ރިއްސުމާއި، ހުން އައުމާއި، މޫނުގެ އެއްފަޅި ދުޅަވުމާއި، ނުވަތަ ނޭފަތުގައި ކަޅު ކުލައިގެ ފަށެއް އެޅިފައި ހުރެ ދުވަހަކަށް ވުރެ ދުވަހެއް އެތަން ހަލާކުވާލެއް ބޮޑުވުން އަދި ނޭފަތް ބެދުން ހިމެެނެއެވެ.

ބްލެކް ފަންގަސް ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުން ނުވަތަ ބަލިމަޑުކަމެއް ހުންނަ މީހުންނަށެވެ.

ބްލެކް ފަންގަސް އަކީ އާ ބައްޔެއް ނޫނެވެ. ކޮވިޑް 19 ގެ ކުރިންވެސް މި ބަލި ދުނިޔޭގައި އޮތެވެ. އެގޮތުން މި ބަލި އާންމުކޮށް ފެނިފައިވަނީ ސައުތް އޭޝިޔާގެ ގައުމުތައް ކަމުގައިވާ އިންޑިއާ އާއި ޗައިނާއިންނެވެ.

މަސްދަރު: އަލްޖަޒީރާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް