ads
ސީލައިފްގެ އެމްޑީ އައްމަޓީ ---
ސީލައިފްއާއިއެކު ހެދި އެެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދި އެެއްބަސްވުން އެކުންފުނިން ބާތިލުކޮށްފި އެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހުނު 3000 ހައުސިން ޔުނިޓްގެ މަޝްރޫއު ހިންގުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނީ 2014 މާރިޗު 13 ވަނަ ދުވަހުއެވެ. ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް އެއްބަސްވެވުނު އެމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތް ކުރުމަށް ކަނޑައެޅީ 1000 ހައުސިން ޔުނިޓް ގެ މަސައްކަތެވެ. 2015 ސެޕްޓެމްބަރު 14 ވަނަ ދުވަހު ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުން ނުގެންދިޔުމުގެ ސަބަބުން އެ އަސާސްގެ މައްޗަށް ބިނާކޮށް ހައުސިން
ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުން ބާތިލުކުރިއެވެ. 

އެއާއެކު ސީލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުން ބާތިލުކޮށްފައި ވަނީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަށް ފުރިހަމަނުކޮށް ކަމަށްވުމުން، އެއްބަސްވުން އަނބުރާ އިއާދަކުރުމަށެވެ. އެހެންކަމުން އެކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުން އަލުން އިއާދަކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުތައް އަލުން ދިނުމާއެކު މަޝްރޫއު ކުރިޔަށް ގެންގޮސް ނިންމާލުމުގެ ފުރުސަތު ސީލައިފް ގްލޯބަލްއަށް ދެވުނެވެ. 

ސީލައިފްއާއިއެކު ހެދި އެއްބަސްވުން ބާތިލިކޮށްފައިވާކަން ހާމަކޮށް އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެހެންނަމަވެސް އެ
ފުރުސަތުގައި ވެސް ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނުކޮށް އެއްބަސްވުމާ ހިލާފުވުމުގެ
ސަބަބުން 2018 އޮކްޓޫބަރު 25 ވަނަ ދުވަހުގައި އެއްބަސްވުން ވަނީ އަނެއްކާވެސް ބާތިލްކުރެވިފަ ކަމަށެވެ. އެގޮތުން ސީލައިފް ގްލޯބަލްގެ
ފަރާތުން ވަނީ އެކޯޕަރޭޝަނަށް އޮޅުވާލައިގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ މަގްސަދުގައި ބައިނަލްއަގްވާމީ ބޭންކެއްގެ ނަންމަތީގައި
ފޯޖު ކުރެވިފައިވާ ޕާފޯމަންސް ގެރެންޓީއެއް އެކޯޕަރޭޝަނަށް ހުށަހަޅާފައިކަން އެ ބޭންކުން އެކޯޕަރޭޝަން އަންގާފައިވާ ކަމަށާއި،
އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސް އިން ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓަ ޖެނެރަލް ގެ އޮފީހުން ވަނީ ޝަރީއަތަށް
ހުށަހަޅާފަ ކަމަށެވެ. 

އެޗްޑީސީން ބުނީ ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިން ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގައި އެ ފަރާތްތަކަށް އެ ފައިސާ ހަވާލުނުކޮށްގެން، އެ މުއާމަލާތާ ގުޅިގެން ބަދަލު ހޯދުމަށް އެދި އެކޯޕަރޭޝަނަށް ހުށަހެޅި 395 މީހުންނަށް އެކޯޕަރޭޝަނުން ބަދަލު ހަމަޖެއްސުމަށްޓަކައި ހޭދަކުރަންޖެހުނު ފައިސާ އަނބުރާ ހޯދުމަށް އެދި ސީލައިފް ގްލޯބަލްގެ މައްޗަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ހިއްސާދާރުންގެ މައްޗަށް އެކޯޕަރޭޝަނުން ދައުވާކޮށްފައިވާ ކަަމަށްވެސް ބުނެފައިވެއެވެ.

"އެމަޝްރޫއުއަކީ ދިވެހި އެތައް ރައްޔިތުންގެ މަސްލަަހަތާއި ގުޅިފައިވާ މަޝްރޫއަކަށްވާތީ، އެކޯޕަރޭޝަނުގެ ފަރާތުން ވާނީ މި މަޝްރޫއު ކުރިއަށް ގެންދަން ސީލައިފް ގްލޯބަލްއަށް އެކި ފަހަރު މަތިން އެކި ފުރުސަތުދީފައެވެ. ނަމަވެސް ސީލައިފް ގްލޯބަލްއަށް ދެވުނު ހުރިހާ ފުރުސަތެއްގައި ވެސް އެފަރާތް ވަނީ މި މަޝްރޫއު ހިންގުމަށް ނުކުޅެދިފައެވެ. އަދި މި މަޝްރޫއު ސީލައިފް ގްލޯބަލްއަށް ކުރިއަށް ގެންދެވިފައި ނުވަނީ މި ކޯޕަރޭޝަނުގެ އެއްވެސް އިހްމާލަކުން ނޫންކަމާއި، ސީލައިފް ގްލޯބަލްއާއެކު ވެފައިވާ އެއްބަސްވުން ދެފަހަރުމަތިން ވެސް ބާތިލްކޮށްފައި ވަނީ ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމާ ހިލާފުވެ، މަޝްރޫއު ކުރިއަށް ނުގެންގޮސް، ތަކުރާރުކޮށް މި މިކޯޕަރޭޝަނަށާއި ދިވެހި ރައްޔިތުންނަށް މަކަރާއި ހީލަތުން އޮޅުވާލުމުގެ ސަބަބުންނާއި އަދި މި މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ނުވުމުގެ ސަބަބުންނެވެ" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 300 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވެއެވެ. އެހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

އައްމަޓީގެ މައްޗަށް ވަކިވަކިން ދައުވާކޮށްފައިވަނީ، ކޮންމެ މީހަކަށް ވަކިން އޮޅުވާލުމުގެ އަމަލު ހިންގި ކަމަށް ކުށުގެ އުންސުރު ހަމަވާތީ ކަމަށް ޕީޖީ ޝަމީމް ވެސް ވަނީ ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން ލައްކަ މަސައްކަތް ކޮށްފި ކަމަށާއި ދެން އޮތީ ޝަރީއަތުގައި ސާބިތުކޮށްދިނުން ކަމަށެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް