ads
ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން
ނަފުރަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ.   

އެ ބިލު މިހާރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުން ގެންދަވާއިރު، ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މަޖިލީހުން ބުނީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ހިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އަށް ފޮނުވުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އެ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެވެ. އަދި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅާފަ އެވެ.

މީގެ އިތުރުން އެ ބިލުގައި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީ ވެސް ކުށެއް ކަމުގައި ބުނެފައި ވެއެވެ.

އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިހާރު ހުޅުވާލާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީންވެސް ވަނީ އެ ބިލާ ދެކޮޅަށް ބަޔާން ނެރެފައެވެ. އަދި ގިނަ ދީނީ އިލްމުވެރިންނެއްވެސް ވަނީ އެ ބިލާ ދެކޮޅަށް ހިޔާލު ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް