މިމަހުގެ 15ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން ދޮންބިލެއް ވަނީ އެ އިސްލާހަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއާ އެކު މަޝްވަރާ ކުރުމަށްފަހު ހުށަހެޅުއްވި ބިލެއް ކަމަށާއި އެކަމުގައި ޕާޓީތަކުގެ ލީޑަރުންގެ ރައުޔު ވެސް ހިމަނާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް ބިލު މަޖިލީހަށް ރަނގަޅަށް ނުވެއްދިގެން އުޅެނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބިލާ ދެކޮޅު ހައްދަވައި "ފިތުނަ އުފެއްދުމުގެ" ބަޔާނެއް ނެރެފައިވާ ކަމަށް ވިދާޅުވެ ދޮންބިލެއް ވަނީ އެދުވަހުގެ މަޖިލީހުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަލީ އާރިފް ސީއެންއެމްއަށް މިމަހުގެ 16 ވަނަ ދުވަހު ވިދާޅުވެފައިވަނީ އެބިލަކީ އެ ޕާޓީ އާ އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމެއްނެތި ހުށަހަޅާފައިވާ ބިލެއް ކަމަށާއި ބިލާ ގުޅޭ ގޮތުން އެޕާޓީގެ ލީޑަރު ގާސިމް އާއިި ޕާޓީން ދެކޭގޮތް ހާމަކޮށް ބަޔާނެއް ނެރެފަވާނެ ކަމަށެވެ. އެ ބަޔާނުގައި ޖޭޕީގެ ލީޑަރު ގާސިމް ވަނީ އެބިލަށް ވޯޓުދެއްވައިފިނަމަ ކޮށްގެންތިބި ހުވައާއި ހިލާފުވަނީ ކަމަށް ވިދާޅުވެ، ބިލަށް ތާއީދު ނުކުރާކަން ހާމަކުރައްވާފައެެވެ.
ޖޭޕީއާއި މަޝްވަރާކުރިކަމަށް ދެކެވޭ ވާހަކަތައް އެ ޕޭޓީން ދޮގުކޮށްފައިވަނިކޮށް، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދޮންބިލެއް ވިދާޅުވީ، އެމްޑީޕީގެ ބޮލުގައި ބަދުނާމު އަޅުވަމުންދާގޮތް ވިސްނަން ޖެހޭ ކަމަށެެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ބިލެއް ފޮނުވާކަމަށްވާނަމަ އެ ބިލަކާ މެދު ވަރަށް ފުޅާ ދާއިރާއެއްގައި ކެބިނެޓުގައި މަޝްވަރާ ކުރެވޭނެ ކަަމަށް ދޮންބިލެއް ވިދާޅުވިއެެވެ.
ދޮންބިލެއް ވިދާޅުވީ އެހެންނަމަވެސް މިއަދު ފެންނަނީ ކެބިނެޓުގައި އެކަމަށް މަޝްވަރާކުރައްވާ ތާއީދުވެސް ކުރެއްވުމަށް ފަހު، ޕާޓީގެ ލީޑަރު ތަނެއްގައި ފިއްލަވާ ހުންނަވައިގެން މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާން ނެރުއްވާތަން ކަމަށެވެ.
އެހެންނަމަވެސް ކެބިނެޓުގައި ތިއްބަވާ ބޭފުޅުންނާއި ރައީސް ސޯލިހް މަޝްވަރާކުރައްވާކަން ފާހަގަކުރައްވަމުން ދޮންބިލެއް ވިދާޅުވީ، ކެބިނެޓުގައި ކުރެވޭ މަޝްވަރާތަކަކީ ޕާޓީތަކާއެކު ކުރެވޭ މަސައްކަތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ދޮންބިލެއް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް އުނދަގޫވާ، ރައްޔިތުންގެ މަގުބޫލުކަން ގެއްލޭ ކޮންމެ ކަމެއްގައި އެމްޑީޕީ އާއި، ސަރުކާރުގެ ބޮލުގައި އެކަން އަޅުވައި، ރައްޔިތުންނަށް ފައިދާވާ މަގުބޫލުކަން އިތުރުވާ ކޮންމެ ކަމެއް އެއީ ކޯލިޝަނުން ކުރާ ކަަމެއް ކަމަށް ދެއްކުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.