ads
ފިނޭންސް މިނިސްޓްރީ---
މާލީ މަގާމުތަކަށް ދެން އާދެވޭނީ އިމްތިހާނެއް ފުރިހަަމަށްކޮށްގެން
މިހާރު ހިދުމަތުގައި ތިއްބެވި ފަރާތްތަކުން އޮގަސްޓު 22ގެ ކުރިން އިމްތިހާން ހަދަންޖެހޭ
މާލީ ޒިންމާދާރު މަގާމުތަކަށް އައުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކުރުން ލާޒިމުކޮށްފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް އެ މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، އެ ގަވައިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީ ކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުންފިލާފައިވާ ފަރާތްތަކަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލީ ޒިންމާދާރު ވެރިން އަންޔަންކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިގޮތަށް ހަމަޖެހުމާއި ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާފަރާތަކީ އެ އިމްތިހާނުތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ފަރާތްތަކެއްކަމުގައި ވުން ކޮންމެހެން ލާޒިމުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ދައުލަތުގެ އިދާރާތަކުގައި ތިއްބެވި މާލީ ޒިންމާދާރު ވެރިންނަށް މި އިމްތިހާނުތައް ފުރިހަމަކުރެވޭނެގޮތް ހެދުމަށް
ފިނޭންސް މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މިހާރު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އެ އިމްތިހާނު އަންނަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުގެ ކުރިން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރެއްވުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މާލީ ކަންކަމާއި ބެހޭ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ތެރެއިން އެ އިމްތިހާނު ފުރިހަމަކުރަންޖެހޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތައް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ މާލީ ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތުތަކަކީ ސިޔާސަތުތަކެއް ކަނޑައެޅުމަށްވުރެ އިދާރީ މަސައްކަތްތަކެއްކަމުން، ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަގާމްތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަން ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް