ބެންގަލޫގެ ކޮންޓްރެކްޓް ޗެތްރީ އާކުރިކަން އިއުލާން ކުރީ މިއަދުއެވެ. ޗެތްރީގެ ކޮންޓްރެކްޓް އެކްސްޓެންޝަން މިއައީ، ގައުމީ ޓީމާ އެކު ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އިންޑިޔާގެ ގައުމީ ޓީމާ އެކު މިދިޔަ ހަފުތާއާ ހަމައަށް ގަތަރުގައި ހުރުމުގެ ކުރިން ޗެތްރީވަނީ ބެންގަލޫރު އެފްސީއާ އެކު ރާއްޖެއައިސްފައެވެ. އެހެންނަމަވެސް މެއި މަހު ފަހުކޮޅު އޭއެފްސީ ޕްލޭ އޮފް މެޗަކަށް މާލެ އައިސް ތިބިތިބުމުގައި ބެންގަލޫރުގެ ބައެއް ކުޅުންތެރިން ކޮވިޑް ޕްރޮޓޮކޯލްއާ ޚިލާފުވުމުން އެ މެޗުތައް މާލޭގައި ބޭއްވޭ ގޮތެއް އޭރު ނުވިއެވެ.
އުމުރުން ތިރީސް ހަ އަހަރުގެ ޗެތްރީއަކީ ބެންގަލޫރު އެފްސީގެ އިތުރުން އިންޑިޔާގެ ގައުމީ ޓީމަށްވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާވަނީ ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށްވެސް އޭއެފްސީ ކަޕުގައި ލަނޑު ޖަހާފައެވެ. އިތުރު ދެ އަހަރަށް ބެންގަލޫރުގައި މަޑު ކުރަން ޗެތްރީ ނިންމުމުން އޭގެ މާނައަކީ އޭނާގެ އުމުރުން ތިރީސް އަށް އަހަރު ވަންދެން ބެންގަލޫރު އެފްސީގައި މަޑު ކުރަން ނިންމުމެވެ. އަލަށް އިތުރު ކުރި ދެ އަހަރުގެ މުއްދަތު ހަމަވާނީ ދެހާސް ތޭވީސްވަނަ އަހަރަށެވެ.