ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީން ގޭގައި ހުންނަވައިގެން ސިޔާސީ މަސައްކަތެއް ނުކުރައްވާ: އިދިކޮޅު
ކޮވިޑް-19އާއި ގުޅިގެން ގޭ ބަންދަށް ދޫކުރައްވާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގޭގައި ހުންނަވަައިގެން ސިޔާސީ މަސައްކަތް ހިންގަވާކަމަށް ދެކެވޭ ވާހަކަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ދޮގުކޮށްފި އެވެ.
Advertisement

ޕީޕީއެމުން މިހެން ބުނެފައިވަނީ އޮންލައިން ނޫހެއްގައި ޖެހި އާޓިކަލަކާގުޅިގެންނެވެ.

ޕީޕީއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ހަބަރަކީ އެއްވެސް ވަރަކަށް ކަމުގެ މައުލޫމާތު ސާފުކުރުމެއް ނެތި، ނޫސްވެރިކަމުގެ އުސޫލުތަކާއި އަހްލާގީ މިންގަނޑުތަކުގެ ބޭރުން ލިޔެފައިވާ ލިއުމެއް ކަމަށެވެ. އަދި ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް އުފަން ކުރުވާފައިވާ ދޮގު ހަބަރެއް ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައިވަނިކޮށް ގޭގައި ހުންނަވައިގެން، ސިޔާސީ ހަރަކާތް ހިންގަވާކަމަށާއި، މާލޭ ސިޓީ ކައުންސިލަށް އައްޔަންކުރާ ޑެޕިޔުޓީ މޭޔަރަކަށް ޕީޕީއެމްގެ ފަރާތުން ބޭފުޅަކު ހޮވުމަށް އެޕާޓީ ތެރޭގައި އިއްޔެ ނެގުނު ވޯޓުން ނަރީޝް ކާމިޔާބުކުރައްވާފައި ވަނީވެސް ރައީސް ޔާމީންގެ ނުފޫޒު ފޯރުވައިގެންކަމަށް ބުނެ އޮންލައިން ނޫހެއްގައި އާޓިކަލެއް ވަނީ ޝާއިއުކޮށްފައެވެ.

އަދި އެ ހަބަރުގައި ރައީސް ޔާމީން ވީޑިއޯ ކޮންފަރަންސް ތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމާއި، ލީޑަޝިޕް އަދި ކައުންސިލް ގްރޫޕް ތަކުގައި ވާހަކަފުޅު ދައްކަވާ ކަމަށް ބުނެފައިވާއިރު، ޕާޓީގެ އެފަދަ އެއްވެސް ހަރަކާތެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވާކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއްވެސް ބޭފުޅަކަށް ނުފޫޒު ފޯރުވައިގެން ކަމެއް ހާސިލު ކުރައްވަން މަސައްކަތް ކުރައްވާފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. 

އެ ޕާޓީން ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައިވެސް ޕާޓީން އަމަލުކޮށްފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށެވެ. އެކަމުގައި އަމަލުކޮށްފައިވަނީ، އަމަލުކުރަންވީ ގޮތް ބަޔާންކޮށް ޕާޓީގެ ފަރާތުން 2021 މެއި 16 ގައި އާންމުކޮށް ނެރެފައިވާ ސަކިއުލާ އާ އެއްގޮތަށްކަމަށެވެ.

އެހެން ކަމުން ރައީސް ޔާމީން ބަދުނާމުކޮށް ޝާއިއުކޮށްފައިވާ އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެފައިވެއެވެ.

އަދި އެކަމާއި ގުޅިގެން އެފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް ފަދަ ދައުލަތުގެ މުއައްސަސާ ތަކުން އެކަން ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ވެސް އެބަޔާނުގައި ވަނީ ގޮވާލާފައެވެ. 

އަދި ނޫސްވެރިން ގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، ކަމުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމުގައި ޒިންމާދާރު ކަމާއެކު ޕްރޮފެޝަނަލް މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަށް  ގޮވާލާކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން  މިވަގުތު ހުންނެވީ ގެއަށް ބަދަލުކުރަައްވާފައެވެ.

 ކޮވިޑާއި ގުޅިގެން އެމަނިކުފާނު ހިމެނޭހެން ހައިރިސްކު ހުރިހާ ގައިދީން ގޭބަންދަކަށް ވަނީ ބަދަލުކޮށްފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް