ads
އިސްލާމިކް މިނިސްޓްރީ
މައިގަނޑު ތިންކަމަކަށް ރިއާޔަތްކޮށް އިސްލާމިކް މިނިސްޓްރީގެ ރައުޔު ނެރެފި
މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އިސްލާމިކް މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންކަމަށް އެމިނިސްޓަރީން ބުނެފިއެވެ.

އެމިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރުނު އެމިނިސްޓްރީގެ ނޫސްބަޔާނެއްގައެވެ.

މިނިސްޓްރީން ނޫސްބަޔާނެއް ނެރެފައިވަނީ "ނަފްރަތުގެ ޢަމަލުތައް ހުއްޓުވުން" މި ނަމުގައި 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅުއްވާފައިވާތީއެވެ.

އެ ތިންކަމުގެ ގޮތުގައި އެބަޔާނުގައި ހިމަނާފައިވަނީ،  އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިފަދަ ބިލެއްގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައެވެ.

"މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި މި މިނިސްޓްރީން ދެކެމެވެ."

 އެބިލާމެދު އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާކޮށް އެ ބިލު ފާސްވެގެން އަންނަ އިރު ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ބުރޫއަރާ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށްހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
 
އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއްގައުމުތަކުން ނުވަތަ ޖަމާޢަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާހިނދު އެކަމާދެކޮޅަށްމުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް ހިންގާ ސުލްޙަވެރި ހަރަކާތްތަކަކީ ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަކަންކަން ޖިނާއީ ކުށެއްގެ ގޮތުގައިމާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށްވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައި ވާނެކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގުއިލްޒާމު އެޅުވުމާއި އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންކަންކަމަށް މިނިސްޓްރީގެ ބަޔާނުގައި ވއެވެ.

އަދި އެފަދަ އެއްވެސް ޢަމަލަކީ މި މިނިސްޓްރީން ބަލައިގަނެ ތަރުހީބު ދޭނޭކަންކަމެއް ނޫން ކަމަށާއި، އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކޮށް ޤާނޫނަކަށް ވުމުގެކުރިން ރައްޔިތުންގެ މަޖިލީހުން މި މިނިސްޓްރީގެ ރައުޔު އޮޅުންފިލުއްވުމަކީ އެ މަޖިލީހުން ކުރެއްވި ރަނގަޅު ކަމެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރާކަމަށް އެބަޔާނުގައި ވއެވެ. އަދި މި ބިލު ޤާނޫނަކަށްވެގެން އަންނައިރު ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ލަފާފުޅަށް ބިނާކޮށް އެމިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނުއްވާނެކަމަށް މި މިނިސްޓްރީން ޔަޤީންކުރާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް